ގިނަ ބައެއްގެ ތެރޭގައި މަގުބޫލުބެވެގެންދިޔަ ސައިންސް ފިކްޝަނަލް ސީރީސް 'ސްޓާ ޓްރެކް'ގެ އެކްޓްރެސް ޖޮއާން ލިންވިލް މަރުވެއްޖެ އެވެ.

ސްޓާ ޓްރެކްގައި ޖޮއާން ލިންވިލް ފެނިގެންދަނީ ރޮމިއުލަން ކޮމާންޑާގެ ރޯލުންނެވެ. އެމެރިކާގެ ލޮސްއެންޖަލިސްގައި ލިންވިލް މަރުވި އިރު އޭނާގެ އުމުރަކީ 93 އަހަރެވެ.

ލިންވިލްގެ ފިލްމީހަޔާތުގައި އޭނާ އަކީ ކުޅަދާނަ އަދި ހުނަރުވެރި އެކްޓްރެސް އެއް ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވާއިރު އޭނާގެ ހަޔާތަކީ ގިނަބަޔަކަށް އިބުރަތެއް ކަމަށް އެމީހުން ބުނެއެވެ.

ލިންވިލް އަކީ އެމެރިކާގެ ކެލެފޯނިޔާ އަށް އުފަން މީހެކެވެ. އޭނާ އުފަންވީ 1928 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހުގައި އެވެ. އޭނާ ފިލްމީ ދާއިރާއިން ފުރަތަމަ ފެނުނީ 'ދަ ޓުވާލައިޓް ޒޮން' ސީރީސް އިންނެވެ.

ހޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި ލިންވިލްގެ ހަޔާތުގައި އޭނާ ކޮށްފައި ވަނީ އެންމެ ކައިވެންޏެވެ. އެއީ 1962 ވަނަ އަހަރުން 1973 ވަނަ އަހަރަށް އެކްޓަރ/ޑައިރެކްޓަރ މާކް ރައިޑެލް އާއި ކުރި ކައިވެންޏެވެ. އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.

ލިންވިލް މަރުވި އިރު އޭނާ އަށް މާމަކިޔާ ކުދިންވެސް އެބަ ތިއްބެވެ. ލިންވިލް ފިލްމީ ދާއިރާ އަށް ހުރި ލޯބި އޭނާގެ ކުދިންނަށްވެސް ވާރުތަކޮށްފައިވާއިރު ލިންވިލްގެ ދެކުދިން، އަމީ އަދި ކްރިސްޓޮފާ އަކީވެސް ފިލްމީ ތަރީންކަން ފާހަގަ ކުރެވެއެވެ.

ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ލިންވިލް ވަނީ ކުޅެފައެވެ. އެގޮތުން އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ދަ ގޮޑްނެސް(1958)، ސްކޯޕިއޯ(1973)، ގަބަލް އެންޑް ލޮމްބާޑް(1976)، އަ ސްޓާރ އިޒް ބޯން(1976) ހިމެނެ އެވެ.