އެމެރިކާގެ ޝާލޮޓް-ޑޯގްލަސް އިންޓަނޭޝަނަލް އެއަރޕޯޓުން ފުރަން ހަމަޖެހިފައި އޮތް ގިނަ އަދަދެއްގެ ފްލައިޓުތަކެއް، ފުލުފުލުގައި ކެންސަލްވުމުން، ފަސިންޖަރުންތަކެއް އެއަރޕޯޓުގެ ބިއްލޫރިގަނޑެއް ތަޅާލައިފިއެވެ.

އެޤައުމުގެ މަޝްހޫރު މީޑިޔާއެއްކަމަށްވާ "ފޮކްސް" އިން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:00 ޖަހާކަށް ހާއިރުއެވެ.

އެނޫހުން، ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައިވަނީ، އެއަރޕޯޓުގައި ޖަހާފައި ހުރި ބިއްލޫރިގަނޑަށް ގެއްލުންދީ، އެބިއްލޫރިގަނޑު ތަޅާލާފައިވަނީ އުމުރުން 24 އަހަރުގެ އަންހެނެއްކަމަށެވެ. ކެތީ އިރީން އަލްބްރައިޓް ނަމަކަށް ކިޔާ މި އަންހެންމީހާ، އެކަން ކުރުމަށްފަހު އެތަނުން ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ސާވައިލަންސް ވީޑިއޯތައް ބަލައިގެން، މި އަންހެން މީހާ ދެނެގަނެވުނުއިރު، ފަހުން، މައްސަލައާ ގުޅިގެން އޭނާވަނީ ކަމާބެހޭ ފަރާތްތަކަށް ހާޟިރުކޮށްގެން ސުވާލުކޮށްފައެވެ.

ކެންސަލްވި ފްލައިޓުތަކާ ގުޅިގެން، އެމެރިކާގެ އެއަރލައިނަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފްލައިޓުތައް ޑިލޭވުމުގެ ސަބަބުންނާއި ކެންސަލުވުމުގެ ސަބަބުން ފަސިންޖަރުންނަށް އުނދަގޫވާނެކަމާއި އެކަމުގެ ސަބަބުން ރުޅި އަންނާނެކަންވެސް ޤަބޫލު ކުރާކަމަށެވެ. އެހެންނަމަވެސް، އެއީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ދިމާވި ކަމެއްކަމުގަޔާއި ފުރަން ދިއުމުގެ ކުރިން ފްލައިޓުތައް އޮތް ގޮތް ބެލުމަށް އިލްތިމާސް ކުރާކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު