ދިރިހުރި މީހަކު މަރުވެފައިވާކަމަށް ކަނޑައަޅާ، އާއިލާއަކަށް އެހެން މީހެއްގެ މަރުވެފައިވާ ހަށިގަނޑު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އަވަށްޓެރި އިންޑިޔާގެ މަހަރަޝްތުރާ އިންނެވެ.

ފުއްޕާމޭގެ ބައްޔެއްގައި ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތް 50 އަހަރުގެ ބަލިމީހަކު މަރުވެއްޖެކަމަށް ބުނެ ހޮސްޕިޓަލުން އެކަން އާއިލާއަށްވެސް އެންގިއެވެ. އަދި، އާއިލާއިންވެސް އިތުރަށް ބެލުމެއް ނެތި، އެއީ އެމީހުންގެ އާއިލާގެ މެންބަރުގެ ހަށިގަނޑުކަމަށް ހިތާ، ގެންދިޔައެވެ.

އެހެންނަމަވެސް، ގެއަށްގޮސް، ބެލި ބެލުމުން އެއީ އެމީހުންގެ އާއިލާގެ މެންބަރުގެ ހަށިގަނޑު ނޫންކަން އެނގުނުކަމަށް، އިންޑިޔާގެ ނޫސް އޭޖެންސީއެއްކަމަށްވާ "ޕީޓީއައި" އިން ބުނެފައިވެއެވެ.

ސަންގްލީ ސިވިލް ހޮސްޕިޓަލް ނަމަކަށް ކިޔާ ހޮސްޕިޓަލެއްގައި މިކަން ކުރިމަތިވެފައިވާއިރު، އެތަނުގެ މެޑިކަލް ސުޕްރިޓެންޑެންޓް، ޑރ. ސުބޯދު އުގާނޭ ބުނެފައިވަނީ މިކަން ތަޙުޤީޤު ކުރަމުންދާކަމަށާއި، މިކަމުގައި ބައިވެރިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް، އެހޮސްޕިޓަލުގެ ފަރާތުން ކުރަމުން އަންނަކަމުގައެވެ. އަދި، މިކަން ހިނގާދިޔަ ގޮތް ތަޙުޤީޤު ކުރުމަށްފަހު ރިޕޯޓެއް ނެރޭނެކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ ކަންކަން، މީގެކުރިންވެސް އިންޑިޔާގައި ހިނގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު