ބޮލީވުޑުގެ އެކްޓަރ ސޯނޫ ސޫދުގެ ފޮޓޯއެއް "ލޭ" ބޭނުން ކޮށްގެން ކުރެހި މީހާކަށް އޭނާ ނަސޭހަތް ދީފިއެވެ.

ސޯނޫ ސޫދު ވަނީ ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދީފައެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް އޭނާ އެނގި ގިނަ ބަޔަކު ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ. ކޮވިޑް-19 ހާލަތުގެ އޭނާ އިންޑިއާގެ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ވެފައިވަނީ އިންޑިއާގެ "ހީރޯ" އަށެވެ.

ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރަމުން އަންނަ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ވަނީ އޭނާގެ ބުދެއް ބަހައްޓައި ފިހާރަތައް ވެސް ހުޅުވާފައެވެ. އެހުރިހާ ކަމަށް ސޯނޫ ސޫދު ވެސް ވަނީ އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ.

އެހެން ނަމަވެސް ދާދި ފަހުން އޭނާއަށް ތާއިދު ކުރާ އޭނާ ދެކެ އިންތިހާ ލޯބިވާ މީހަކު ކުރި ކަމަކުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އެނގިގެންދެއެވެ. އެއީ ލޭ ބޭނުންކޮށްގެން އޭނާގެ ފޮޓޯއެއް ކުރެހުމުންނެވެ.

އެގޮތުން އޭނާ ވަނީ އެ ކުރެހުން ކުރަހާފައިވާ މީހާ ގާތު އެފަދަ ކުރެހުންތައް ލޭ ބޭނުން ކޮށްގެން ނުކުރެހުމަށް ބުނެ ނަސޭހަތް ދީފައެވެ. އޭނާ ބުނީ، އެގޮތަށް ލޭ އިސްރާފު ކުރުމުގެ ބަދަލުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރުމުން މާ ހިތްހަމަ ޖެހުން ލިބޭނެ ކަމަށެވެ. އަދި އޭނާ ވެސް އުފާވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު