އިރާގްގައި ކައިވެނީގެ ހަފްލާއަކަށް ތައްޔާރުވުމަށްޓަކައި ހަރަކާތްތެރިވަމުންދިޔަ ކައްކާއެއް ސޫޕް ކައްކާފައި ހުރި ހޫނު ބޮޑު ތެއްޔަކަށް ވެއްޓިގެން، ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިކަން ހިނގާފައި ވަނީ ޒަޚޯ ޑިސްޓްރިކްޓްގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހަފްތާ އަންގާރަ ދުވަހު މި ހާދިސާ ހިނގިއިރު، ވަގުތުން އޭނާ ޑޮހުކް ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާގެ ހަށިގަނޑުން ވަރަށް ބޮޑުބައި އޮތީ ފިހިފައެވެ. އޭނާ ސަލަމަތް ކުރުމަށް ޑޮކްޓަރުން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑުގެ 70 އިންސައްތަ ފިހިފައި ހުރުމުން އޭނާ ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް ފުރުސަތު ނުލިބި، އޭނާ މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކުރްޑިޝް މީޑިއާ އިން ބުނީ، އެއީ އުމުރުން 25 އަހަރުގެ ކައްކާއެއް ކަމަށެވެ. އަދި އޭނާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށާއި، އޭނާގެ ތިން ދަރިންވެސް ތިބޭ ކަމަށް ބުނެފައި ވެއެވެ.

މި ހާދިސާގެ ތަފްސީލުތަކުގައި ބުނެފައި ވަނީ މިކަން ހިނގީ މިދިޔަ ހަފްތާ އަންގާރަ ދުވަހު ހަޒެލް ވެޑިންގ ހޯލްގައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ހެލްތް އެންޑް ސެކިއުރިޓީ އޮތޯރިޓީން ބުނީ، މިކަން ހިނގުމުގެ ކުރިން އެ މީހާ އުޅުނީ އެ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކެއުން ތައްޔާރު ކުރުމަށް ކަމަށެވެ. އަދި އެހެން އުޅެނިކޮށް އޭނާ ހޫނު ސޫޕް ތެއްޔަށް ވެއްޓުނީ ކަމަށް ބުނެފައި ވެއެވެ.

މި ހާދިސާއާއެކު ރެސްޓޯރެންޓްތަކާއި ބަދިގެ ތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތް ކަމަށް ބުނެ ޝަކުވާތައް މީސް މީޑިއާގައި ދަނީ ބަންޑުން ކުރަމުންނެވެ.