މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު ދަނީ ވަރަށް ފުރިހަމައަށް ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ 241 ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގުގެ ތަފްސީލް އެ ކޮމިޓީއަށް ފުލުހުން ހިއްސާކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ދުވެއްޔާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ނިރުބަވެރި ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ހެއްކާއި ގަރީނާ ހޯދާފައިވަނީ ޑިއުޓީ ޕްރޮސިކުޝަންއާއެކު ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ.

"ބައެއް މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްއާ ހަމައަށް ފޮނުވާއިރު ހެކި ފުރިހަމައަށް ނެތިގެން ނުވަތަ ހެކި ހޯދާފައިވާ ގޮތާ މެެދު އިިތުރު ސުވާލު އުފެދިގެން ދައުވާ ނުކުރެވި ހުންނަކަމާއި، ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހެޅުމުންވެސް ކޯޓުން ބޭރަށް މައްސަލަތައް ދާ ހިސާބަށް ވެސް އެބަހުރި ކަންކަން ގޮސްފައި. އެކަމަކު މި މައްސަލަ ދަނީ ވަރަށް ފުރިހަމަކޮށް ކަމަށް މައުލޫމާތު ލިބެނީ" އަސްލަމް ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު މަޖިލީހުގެ 241 ކޮމިޓީއިން ދަނީ އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅިވާލި ގޮތް ހޯދުމަށްޓަކައި އިންކުއަރީއެއް ހަދަމުންނެވެ. މިމަހުގެ ނިޔަލަށް އެ ދިރާސާގެ ތަފްސީލީ ރިޕޯޓެއް އާންމު ކުރާއިރު އެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ކަންކަންް ތަހުގީގު ކުރަން ފޮނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއީ މަޖިލީހުން ހިންގާ އެންމެ ބޮޑު އިންކުއަރީއެވެ. މިހާ ގިނަ އަދަދެއްގެ މީހުން، އެއް މައްސަލައަކަށް ހާޒިރު ކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ.

ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހުއެވެ.

ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    މީނަ މިއީ 200 ކުދިންގެ ސްކޫލެއް ހިންގަން ހަވާލުކުރީމަ ނުހިންގި ފެއިލްވެފަ ހުރި މީހެއް.ނަމަވެސް މީނަ މިއަދު މިހިރީ ބޮޑު ބިޔާ ކޭސްއެއްގެ ތަގުގީގުގެ މޭސްތިރިޔަކަށް.ހެހެހެހެހެހެހެހެހެހެ.ވ.ވެދުން

  2. ކާފަބޭ2020

    ހަމަތިހާބާރުމިނުގަ ހަމަތިހާފުރިހަމަކަށް 13 އަހަރުގެކުއްޖާގެ ތަހުގީގުވެސްގެންގޮސްދީބަލަ! ހަމައެއީވެސްދިވެހިފަސްގަނޑަށް އުފަންދަރިންނެވެ. ފަރުމަތީހުރިހުރިހާގަލެއްފޮރޮޅައިގެން ހޯދި ހެކިތަކާއި އުންސުރާފަންސުރުހަމަނުވާހެއްކާގަރީނާތައް ކޯދުލާއަރަނީ ވަކިފަންތިއަކާޖެހުނީމަތޯ؟ ހިގިހުރިހާކަމެއް ކުރީސަރުކާރުގެބޮލަށްޖަހާފަ ކަމެއްކުރަންޖެހޭއިރަށް އުންސުރާފަންސުރުދިމާނުވާތީ މައްސަލަކުރިއަށް ނުގެންދަން ނިންމާފައިލްބަންދުކުރިއަސް ޒީރޯޓޮލަރެންސްއަކަށްނުވާނެ!