ދިވެހިންނަކީ ޓެކްނޮލޮޖީ އާއި ފެޝަނަށް ލޯބިކުރާ ބައެކެވެ. މީސް މީޑިއާ އެޕްލިކޭޝަން ތަކަކީ ދިވެހިންނަށް އެންމެ ގާތް އެކުވެރިޔާއެވެ. އާންމު ދިރިއުޅުމުގެ ކަންކަން ވެސް މީސް މީޑިއާގައި ހިއްސާކުރާ މީހުން މަދެއް ނޫނެވެ.

މި ފަހުގެ ތާރީހެއްގައި ދިވެހިންގެ މެދުގައި މަގްބޫލުވެގެންދިޔަ އެއް ޕްލެޓްފޯމަކީ "ޓިކްޓޮކް"އެވެ. ޓިކްޓޮކް ތައާރަފް ވުމާއެކު ކުދި ބޮޑު އެންމެން މި އެޕްލިކޭޝަން ފޯނަށް އަޅައިގެން ބޭނުން ކުރަން ފެށިއެވެ. ޓިކްޓޮކްގައި ޒުވާނުން އެމީހުންގެ ހުނަރު ދައްކާލައި، ޓިކްޓޮކުން އުފަންވެގެން ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާނުންވެސް މަދެއް ނޫނެވެ. އިސްތިހާރުތަކުންނާއި ފިލްމުތަކުން ޖާގަ ލިބި ޓިކްޓޮކްއިން އުފަންވި ފަންނުވެރިންނަށް ކުރިޔަށްދާނެ މަގު ފުޅާވެގެން ދިޔައެވެ.

ކުދި ބޮޑު އެންމެން ބޭނުން ކުރަމުން އަންނަ ޓިކްޓޮކް ޕްލެޓްފޯމް ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓިކްޓޮކް ކުޅޭ މީހުންނާއި، މުނިފޫހި ފިލުވުމުގެ ގޮތުން ޓިކްޓޮކް ބަލާ މީހުން އަދި ޓިކްޓޮކް ކުޅެގެން ކުރިޔަށް ދާން ބޭނުންވާ މީހުންނަށް ތާއީދު ކުރާ މީހުންނެވެ. ޓިކްޓޮކް ކުޅޭ މީހުންގެ ތެރޭގައި ނެށުމުގެ ހުނަރާއި، އެކްޓް ކުރުމުގެ ހުނަރު، ދީނީ މައުލޫމާތާއި، ހަގީގީ ހާދިސާތަކާއި، އާންމުން ހޭލުންތެރި ކުރުމަށް ޓިކްޓޮކް ކުޅޭ މީހުން ގިނައެވެ.

ނަމަވެސް، މި ޕްލެޓްފޯމް ބޭނުންކުރާ ބައެއް މީހުންގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ކުޅެ ޓިކްޓޮކަށް އަޕްލޯޑް ކޮށްލާ ވީޑިއޯ އަކީ އިސްލާމީ ދިވެހި މުޖުތަމައުއަށް އެންމެ އެކަށީގެން ނުވާގޮތަށް ކުޅެފައިވާ ވީޑިއޯތަކެވެ. މަސްލަހަތު ގޯސްފާން ފަދައިން ޒާތީ ކަންކަމާއި ޒުވާބު ކުރުމާއި، ފިރިހެނުން އަންހެނުންނަށް ހެދިގެން އަދި އަންހެނުން ފިރިހެނުންނަށް ހެދިގެން ކުޅެފައިވާ ޓިކްޓޮކް ހިމެނެއެވެ.

އެކަކު އަނެކަކަށް ޒާތީ މައުލޫމާތު ހިއްސާ ކުރުމާއި، ހުތުރު ބަހުން މުއާމަލާތުކޮށް އެކަކު އަނެކަކަށް ފުރައްސާރަކޮށް ޓިކްޓޮކް ކުޅެ އަޕްލޯޑް ކުރުން ހިމެނެއެވެ. ޓިކްޓޮކް ޕްލެޓްފޯމަކީ "ބުލީ އާއި ނައްސި ވާހަކަ" ތަކުގެ ހާއްޔަކަށް ވަނީ ވެފައެވެ. މިފަދަ ކަންކަން އާންމު ވެފައިވާއިރު، މިކަމާއި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޓިކްޓޮކްގެ ސަބަބުން މުޖްތަމައުއަށް ނޭދެވޭ އަސަރު ކުރާ މައްސަލައަކީ ހަމައެކަނި ރާއްޖޭގައި ދިމާވެފައިވާ މައްސަލައެއް ނޫނެވެ. މިކަމާއި ގުޅިގެން ކަންބޮޑުވުންތަކެއް ހުރުމާއި އެކު އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ އަދި އެމެރިކާ ފަދަ ގައުމުތަކުގައި ވަނީ ޓިކްޓޮކް ބޭނުންކުރުން މަނާ ކޮށްފައެވެ.

ރާއްޖޭގެ ހާލަތު ޓިކްޓޮކްގެ ސަބަބުން ގޯސްވެފައިވާ އިރު، މިކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ މުއައްސަސާއެއް ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ޒުވާން ޖީލަކާއި، އަރަމުން އަންނަ ކުދިންތަކެއް ހަލާކުވެގެން ދާއިރު އެއްވެސް މުއައްސަސާއެއްގެ ސަމާލުކަން މިކަމުގައި ނުލިބި، މިކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ތިބުމަކީ ދެރަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޕާޕަ ޕާޕާ

    އޫރިދޫ އަދި ދިރާގު އިސްތިހާރުގައި އުޅޭ ދެކުދިން އަހަރެންނަށް ވަރަށް ކަމުދޭ. އެމީހުން ރަނގަޅު މިންގަނޑެއް ގެންގުޅޭ.

    7
    4
  2. ސަމާ

    ބުރުގާ އަޅާއިގެން ތިބި މީހުން އޮރިޔާންވެ، ނާޅާތިބި މީހުން ގައިގޯޅިވެ، މީހުންގެ ފިރިން ހިލޭ އަންހެނުންނާއި އެކު "ޝޫޓް" ކޮށް.
    އަނބިންނާއި ފިރިން ވަކިވެ ޑޭޓާ ޕެކޭޖް ހުސްވެގެން ޒުވާބުކޮށް ...މިކަހަލަ ކިތައްމެ ކަމެއް އެބަހިނގާ

    30
  3. ނޫސްކިޔާމީހާ

    ސުރުހީގައިވާގޮތައް ދިވެހިންނަކީ ކޮންމެކަމެއްގާވެސް ހައްދުންނައްޓާފައި ތިބޭބައެއް އަޅުގަނޑު ޓިކްޓޮކް ބަލަމުން ދަނިކޮން ދިވެހި ބުރުގާއަޅާފައިވާ މެދުއުމުރުގެ އަންހެންބޭފުޅަކު ކިޔާލަވަ އަޑުއިވިފައި ގަތީބިރު ( އެބޭފުޅާ ލަވާގޮތުގައި ކީ އުސްއައޮގުރާނަ ހާދަލަދެއްގަތޭ އެހެންގޮތެއް ވެގެންދިޔައީ ނޫނޭ އަހުލާގު ހާދަހާވާ ދަށޭ ) އެއީވެސް ދުވަހެއް މިއީވެސް ދުވަހެއް ގަޔާދުރު

    25
  4. ސައިނީ

    ކަޑަ ވަންޔާ ބޭނުން ނުކުރޭ އެއްޗެއް ބަންދުކޮށް ހަނި ކުރަން މަސައްކަތް ނުކުރޭ

    9
    28
  5. ރަދީފް

    ޔޭސް ، ތިބުނީ ވަރަށް ބޮޑު ތެދެއް.އަހްލާގީ ގޮތުން އެއްވެސްމިންވަރަކަށް ފާސްނުވާނެ ފަދަ ހުތުރު ވީޑިޔޯވެސް އެބަހުރި.މިއީ ލަދުވެތިކަމެއް.

    28
  6. Anonymous

    ވަރަށް ރަނގަޅު ވާހަކައެއް.... 👍👏👏👏👏👏👏

    23
  7. ސަލީމު

    ޔާޔާގެ ވާހަކަ ދައްކަބަލަ. ބޮޑު ދިވެހި ފިރިހެނަކު އަންހެން ހެދުން އަޅައިގެން ފާޅުގަ ތެޅޭ ވައްތަރު. ބޮޑު މުސީބާތެއް އެއީ

    25
    1
  8. ހޯސް

    ދުނިޔޭގެ އެންމެންވެސް ދައްކާނީ ޓިކްޓޮކްދެކެ ފޫހިވާ ވާހަކަ އެކަމަކު އެބޭނުން ކުރާމީހުންގެ އަދަދު ދައްވާ ތަނެއް ނުފެނޭ ހައްތަހާ މަތިވަނީ.

    13
    1
    • ރަޒީން

      ޓިކްޓޮކެއް ނޫނޭ މައްސަލައަކީ.. އޭގައި ވައްތަރުޖައްސާ ދިވެހިންގެ އަގަލަ އާއި އަޚްލާގޭ މައްސަލައަކީ. އަމިއްލަ އަށް ބޭއަދަބީވެގެން މީސްތަކުންނައް އެކަން ދައްކަން އުޅޭނީ ބަޔެއް ޣައިރުމުސްލިމުންގެ ތެރޭ ތިބި ޖަނަވާރުގެ ފެންވަރައް ވެއްޓިފައިތިބޭ މީހުންގެ އަމަލުތަކާއި އެއްގޮތައް.

      14
      1
  9. ރައޫހާ

    ޓިކްޓިކުގައި ދިވެހިން ކުޅެފަ ހުންނަ ގިނަ ވީޑިއޯތަކަކީ ބޭކާރު އަދި އިސްލާމީ އަގީދާއާއި އަޚްލާގާއި ދުރު ވީޑިއޯތަކެއް. ބޭނުންތެރި އެތަކެއް ވީޑިއޯއެއް ހެދެން އޮތަސް ދިވެހިން ހަދާ ވީޑިއޯތަކުން ފާހަކަ ކުރެވެނީ ހަމަ ހުސްބޭކާރު ހަރުދަނާކަމެއް ނެތް އަމަލުތަށް. އެހެން ބަޔެއް ގައުމުތަކުގެ މީހުން ހަދާފަ ހުރޭ ހަމަ ނިކަން ބޭނުންތެރި މައުލޫމާތު ގެނެސްދީފައި ހުންނަ ވީޑިއޯތައް. އެކަމަކު ދިވެއްސަކައް އެފަދަ ވީޑިއޯއެއް ހެދިފައިވާތަނެއް ނުފެނޭ.

  10. ހަމްދާން

    ޓިކްޓޮކުން ފަޅާއަރަމުން ދަނީ ބަޔެއް ދިވެހި ލާދީނީ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ. ވަރައްބުއްދި ކުޑަ އަދި އެހާމެ ޣާފިލު ބަޔެއް. ތައުލޭމެއް ތަރުބިއްޔަތެއްވެސް ނެތްކަން ވަރައް ސާފުކޮއް އެނގޭ ޖައްސާ ވައްތަރުން. އެމީހުންގެ މައިންބަފައިންވެސް ވަކި ދެރަ ނުވާނެކަމައް ގަބޫލު ކުރެވެނީ .

    6
    1
  11. ޝައުބީ

    އެފަދަ މީހުންނައް މާތް ރަސޫލާ އާއި މުސްލިމުންގެ ލައުނަޔް ހައްގުވެގެންވޭ.. އެއީ މީހާ ދެދުނިޔެއިން ގެއްލިގެންދާނެވަރުގެ ނުބައި އަމަލެއް. އެކަމަކު އެމީހުންނަކައް ނުވިސްނޭނެ..އެއީ ޖަނަވާރުތަކެއް ފަދައިން ހެޔޮ ބަހެއް އަޑެއް ނީވޭ އަދި ހެޔޮ އަމަލު ވަކިކުރަން ނޭނގޭ ދަރަޖައައް ވެއްޓިފަވާބަޔެއް...

    • ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ނޫނީ..

      ދީނުގައި ނޯވެ ވަކި ފަރުދަކަށް ވަކި ބަޔަކަށް ނިސްބަތްވާ ގޮތަށް ލަޢްނަތް ދިނުމެއް އަދި އެމީހާ ނުރުހޭ ނަންނަމުން ގޮވުމެއްވެސް. ނަމަވެސް އިންސާނުންނަށް ބުނެވިދާނެ "އަނިޔާވެރިންގެ މައްޗަށް މާތް ﷲ ގެ ލަޢްނަތް ވެއޭ." މިތަނުގައި އަނިޔާވެރި ކަމުގެ މާނަ ވަރަށް ފުޅާ. ކުރުކޮށް ބުނެލާ ނަމަ މާތް ﷲ ކަނޑައަޅުއްވާފައިވާ އިން ތަކުން ބޭރުން ކަންކުރާ މީހާ އާއި ބޭއިންސާފުން އަނިޔާވެރިވެ ގަންނަ މީހާ ވެސް މިއަނިޔާވެރި ކަމުގެ ތެރޭގައި ހިމެނޭ. މީސްތަކުންނަށް ލަޢްނަތްދީ ހެދުމަކީ ރަގަޅުު މުސްލިމެއްގެ އާދަ އެއް ނޫން.

  12. އައްޑޫ ޝަކުވާ ބޯޓު

    ވ ޜަށް: ރަނގަޅު:ފާ:ރިހް::
    ކީއްކު؛:ރާނީ... މަޖްލިސްވެސް::ޓިކްޓޮކް::ކުޅުމުގަ:::
    ނުވީތާކަށް::ނަޝީދުވެސް:: އަނެއްދިވެހި ރޢްޖެ:ޖަހައިގެން:މަޖާ:ކޮމެންޓް:ކޮށްލަކޮށްލާ:
    މިއޮތީވާ:ގައުމެއް

    2
    2
  13. ދުރުމި

    ޓިކްޓޮކަކުންނޫން އަޚުލާގު ގޯސްވީކީ. ޝަމްޝުއްދީން ރަސްގެފާނުން ގެ ޒަމާނުން ފެށިގެން އަޚުލާގު ވަނީ ގޯސްވެފައި. މިހާރު ޓެކްނޮލޮޖީ ހައިވީމަ މީހުންނަށް މިއީ އާކަމެއްހެން ހީވަނީ . ޝަމްސުއްދީން ގެ ޒަމަނުގައި މުލިއާގޭގައި އެމަނިކުފާނުގެ ދަރިކަލުން އަދި ވަލީ އަހުދު ހަސަން އިއްޒައްދީން ވަނީ ވަރަށް ބޭ އަދަބީ ނަޗަރަންގީ ޕާޓީތައް ބާއްވާފައި . އެގޮތުން އިއްޒައްދީން ގެ އާންމުކަމެއް އަންހެން ހެދުން އަޅައިގެން އެމަނިކުފާނު ގެންގުޅުއްވާ ރަނޑު ފިރިހެނުން ވެސް އަންހެން ހެދުން އަޅުވައިގެން ނެށުން . ދިވެހި ތާރީޚީ ފޮތްތަކުގައިވެސް ހުންނާނެ އަންހެން ހެދުން އަޅައިގެން އިއްޒައްދީން ނައްޓާވާ ފޮޓޯތައް. ދެން އޮތީ މިޒަމާނުގެ ޥާހަކަ . މަޝްހޫރު ތަރަބޫޒު ރިޒާގެ ގްރޫޕުްން ޚިތާނުކުރާ ގޭގޭގައި ފިރިހެނުން އަންހެން ހެދުން އަޅައިގެން ނެށުމަކީ ވަރަށް އާންމުކަމެއް. އެފަދަ ގެއެއްގައި އޮތް ތަރަބޫޒު ރިޒާ ގެ މިއުޒިކް ޝޯއެއްގައި ނެށި ދެ އަންހެނެއްގެ ނެށުން ފުރިހަމަކަމުން އަހަަރެމެން އެންމެން ތިބީ އާޝޯޚްވެފައި . އެންމެ ބޮޑަށް އަޖައިބުވިކަމަކީ އެއްވެސް އަންހެނެއް ރިޒާ ގެ ގްރޫޕާ ގައި އެގެއަށް ނާންނަކަން . ފަހުން ބެލިއިރު އަންހެން ހެދުން އަޅައިގެން ނެށީ ޒުވާން ދެ ފިރިހެންކުދިން . އެގޭގެ ކޮޓަރިއެއްގެ ތެރޭގައި މޭކަޕްކޮށްފައިވާލެއް ފުރިހަމަކަމުން އެއީ އަންހެނުންކަމަށް އަހަރެމެން ހީކުރީ. ހަނދާންވަނީ ބެންކޮކްގެ ލޭޑީ ބޯއިންގެ މަތިން . ވީމާ ތިއީ ރާއްޖެއަށް އާ ކަންތަކެއްނޫން. ތަފާތަކީ މިހާރު ޝޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމް ތައް އުފެދުން. ވީމާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން މިކަހަލަ ވިޔާނުދާ އަމަލުތައް ފެނޭ.

    4
    2