ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމީތަރި އަކީ ޝާހް ރުކް ހާން އެވެ. 1988 ވަނަ އަހަރުއްސުރެ ފިލްމީދާއިރާގައި މެދުކެނޑުމެއްނެތި ޝާހް ރުކް މަސައްކަތްކުރާއިރު އޭނާގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ފާހަގަ ކުރެވެ ސެވެ. 55 އަހަރުގެ ޝާހް ރުކްގެ މިލްކިއްޔާތުގައި 600 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި އިރު އޭނާގެ ދިރިއުޅުމާއި ބެހޭ މައުލޫމާތު ބަލާލަން ބޭނުންވާނެ ފަރާތްތައްވެސް ތިބޭނެކަން ޔަގީނެވެ.

ފިލްމީތަރީންނަކީ ހުރިހާގޮތަކުން ބެލިކަމުގައި ވިޔަސް އާދައިގެ މީހުންނާއި ތަފާތު ދިރިއުޅުމެއްގައި އުޅޭނެ މީހުންނެވެ. އަދި ފޭނުން ގިނަވެފައި ގިނަ ބައެއްގެ ތެރޭގައި މަގުބޫލުނަމަ އެމީހަކަށް ސެކިއުރިޓީ އޮންނަވަރާއި މިފަދަ ހުރިހާ ކަމެއް ތަފާތު ވާނޭކަން ޔަގީނެވެ.

ޝާހް ރުކް ހާންގެ ގޭގެ ޓެރެސް ފޮޓޯ: ގޫގުލް

އިންޑިޔާގެ މުމްބައިގައި ހުންނަ ޝާހް ރުކް ހާންގެ ގެއަކީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވާ ގެއެވެ. ޝާހް ރުކް އާއި އޭނާގެ އަނބިމީހާ ގައުރީ ހާން މުމްބައިގެ މި ގެ މަރާމާތުކޮށް ޒީނަތްތެރިކުރާތާ 10 އަހަރު ވެއްޖެ އެވެ. ގޭގެ ކޮންމެ ދިމާލަކަށް ބެލިއަސް ފެނިގެންދާނީ ހާއްސަ ފުރިހަމަކަމެއްކަމަށް ގައުރީ ވަނީ ބުނެފަ އެވެ.

ހަ ބުރީގެ މި ގޭގެ އަގު 417 މިލިއަން ރުފިޔާއަށް އަރާއިރު މި ގެ ފުރަތަމަ ޝާހްރުކްގެ ލޮލުގައި އަޅައިގަތީ 1997 ވަނަ އަހަރު ޔެސް ބޮސް ފިލްމު ކުޅުމުގެ ތެރޭގައި އެވެ. މިގެއަކީ މުމްބާއިގެ މި ސަރަހައްދުގައި ހުރި އެންމެ އަގުބޮޑު ގެއެވެ.

ޝާހްރުކް މިގެ ގަނެފައިވަނީ 2001 ވަނަ އަހަރުއެވެ. ޝާހްރުކް އާއި ގައުރީ މި ގެއަށް ދިޔަ އިރު ގެއަކީ ތޮށިގަނޑެއްހެން ހުރި ހުސް އިމާރާތެކެވެ. އާކިޓެކްޗަރ ކައިފް ފެގުއިހްގެ އެހީތެރިކަމާއި އެކު ޝާހް އާއި ގައުރީގެ ޑްރީމް ގެއަށް މި ގެ މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މި ގޭގައި ޖިމްއެއް، ލައިބްރަރީއެއް، ބޮކްސިން ރިންގެއް، ޓެނިސް ކޯޓެއްގެ އިތުރުން އޮޑިޓޯރިއަމް އެއްވެސް ހުރެ އެވެ. އަދި ޝާހްރުކްގެ ފޭނުން އޭނާ ދެކިލުމަށް އަންނަ ނަމަ ގޭގެ ބެލްކަނީ އަކީ އެކަމަށް ހާއްސަ ތަނެކެވެ. ޝާހްރުކްގެ އުފަންދުވަސް ފަދަ ބޮޑެތި ދުވަސްތަކުގައި އޭނާގެ ފޭނުން ގޭގެ ކުރިމައްޗަށް އެއްވުމުން ޝާހް ގޭގެ ބެލްކަނީއަށް ނުކުމެ އެވެ.