އުމުރުން 67 އަހަރުގެ އިންޑިއާގެ ގުޖުރާތަށް އުފަން އަންހެނަކު ޕީއެޗްޑީ ހާސިލްކޮށްފިއެވެ.

އުޝާ ލޮޑާޔާ ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނެފައިވަނީ ހަޔާތުން ކޮންމެ ވެސް ދުވަހަކު ޕީއެޗްޑީ ހާސިލު ކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި އެކަން ހާސިލު ކުރުމުން ވަރަށް އުފާވާ ކަމަށެވެ.

އުމުރުން 20 އަހަރުގައި މީހަކާ ކައިވެނިކޮށްގެން ހަޔާތެއް ފެއްޓި އުޝާ ބުނެފައިވަނީ އޭނާއަށް އެ ހިސާބަތް ދެވުނީ އޭނާގެ ޅީދަރިފުޅުގެ އެހީތެރިކަމާ އެކީގައި ކަަމަށެވެ.

"ފުރަތަމަ ކައިވެނި ކުރިއިރު، ފުރަތަމަ އަހަރުގެ ގްރެޖުއޭޝަންގައި އުޅުނީ. އަބަދު ވެސް ޑޮކްޓަރަކަށް ވާން ބޭނުންވި. އެހެންވެ އާއިލާއިން ބޭނުންވީ ކައިވެންޏަށް ފަހު ވެސް ކިޔެވުމަށް. ނަމަވެސް އެކަމެއް ނުވި. ބޮޑަށް އިސްކަން ދެވުނީ އާއިލާއަށް" އުޝާ ބުންޏެވެ.
އޭގެ ފަހުން އަނެއްކާ ވެސް އިތުރު ކޮލެޖަކުން ކޯހަށް ހުޅުވާލުމުން އޮންލައިންކޮށް ކިޔަވައި ބެޗެލާސް ނިންމައި، އޭގެ ފަހުން މާސްޓާސް ހެދި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ނަތީޖާތަކަށް ބަލައި، ޕީއެޗްޑީ ހެދުމުގެ ފުރުސަތު ލިބުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ އުމުރުގައި ޕީއެޗްޑީ ހާސިލު ކުރުމުން އޭނާ ވަނީ އޭނާގެ ދަރިން ވެސް އެއްވެސް ގޮތަކަށް ކިޔެވުމާއި ދުރަށް ގޮސް، އެކަން ދޫކޮށް ނުލުމަށް އިލްތިމާސް ކޮށްފައެވެ. އަދި އޭނާ ގޮތަށް ކޮންމެ ދުވަހަކު ހަގަޑިއިރު، ކިޔެވުމުގައި ހަރަކާތްތެރިވުމަށް އޭނާ ވަނީ ބުނެފައެވެ.