ނެޓްފްލިކްސްގެ ފިލްމް "365 ޑޭސް" ރިލީސްކުރުމާއި އެކު މީސްމީޑިއާގެ އެންމެ ގިނަ ޕްލެޓްފޯމްތަކުގައި އެތަރިއެއްގެ ފޮޓޯ އާއި މީމްތަކާއި، ވީޑިއޯތައް އެންމެ ގިނައިން ދައުރުވަމުން ދިޔަ ފަންނާނަކީ މައިކެލް މޮރޯންއެވެ.

އޭނާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަރުޚީބަކާއި އާދަޔާއި ޚިލާފު މަޝްހޫރުކަމެއް ލިބިފައިވާ ތަރިއެކެވެ. އިޓަލީއަށް ނިސްބަތްވާ މައިކެލް މޮރޯންގެ ރީތި އަޑާއި ވީޑިއޯ ލަވަތަކުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ލިބިގެން ދިޔައެވެ. ގިނަ ބަޔަކަށް އޭނާ ރީތިވެގެން އެ ވާހަކަދައްކަމުން ދާއިރު، ކޮންމެވެސް ވަރަކަށް ލަވަވެސް ކިޔާ މައިކެލްގެ އަޑު ކަމުދާ އެތައް ބަޔަކު އެބަތިއްބެވެ. މައިކަލް އަށް ލިބުނު ކުއްލި މަޝްހޫރުކަމާއި އެކު އޭނާގެ ކަންކަން ބަލަން އާއްމުން ވަރަށް ބޮޑަށް ޝައުގުވެރިވިއެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި އޭނާގެ ޒާތީ ބައެއް ވާހަކަތަކާއި އޭނާގެ ލޯބީގެ ދިރިއުޅުމާއި މެދު ދެއްކި ވާހަކަތަކާއި މެދު އޭނާ ވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

"ފޭނުން އަހަންނަށް ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން މަސައްކަތް ކުރަނިކޮށް ސެޓްގައި ނެގި ފޮޓޯތައް ނަގާ އެ ފެތުރުން އެއީ ރަނގަޅު ގޮތެއް ނޫން. އަހަރެންގެ ވެސް ޒާތީ ދިރިއުޅުމެއް އޮންނާނެ. އެ ސިއްރުތައް ހިފެހެއްޓެން ވާނެ." އޭނާ ބުންޏެވެ.

މައިކެލް މިހެން ބުނެފައި މިވަނީ އޭނާ އާއި އެހެން ފިރިހެން ތަރިއަކާއި އެކު ނަގާފައިވާ ފޮޓޯތަކެއް އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ދައުރުކޮށްފައި ވަނިކޮށެވެ. މައިކެލް ވަނީ އެކަން ދޮގުކޮށްފައެވެ.

365 ޑޭސްއަކީ ސިސިލިއަން މާފިއާގެ އިސް މީހެއް ކަމަށްވާ މާސީމޯ، ސޭލްސް ޑިރެކްޓަރަކަށް އުޅޭ އަންހެން ކުއްޖަކު ކިޑްނެޕްކޮށް، އޭނާ ލޯބި ހޯދުމަށް މަސައްކަތް ކުރާ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި މާސީމޯ އެ އަންހެން ކުއްޖާ ހައްޔަރުކޮށް، 365 ދުވަސް ވަންދެން އޭނާ އާއި އެކު އުޅުމަށާއި، އެ ދުވަސްތަކުގެ ތެރޭގައި އޭނާދެކެ އެ އަންހެން ކުއްޖާ ލޯބި ނުވެއްޖެ ނަމަ ދޫކޮށްލާނެކަމަށް ބުނެއެވެ.

މި ފިލްމްގެ ވާހަކައަކީ ރީތި ވާހަކައަކަށްވީ ނަމަވެސް، އެ ފިލްމްގައި ގިނަ އަދަދަކަށް ބަދު އަހުލާގީ މަންޒަރާއި، ބަރަހަނާ މަންޒަރު ހިމެނޭތީ އެއީ ފިލްމް މާރކެޓް ކުރުމަށް ހިންގި ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބައެއް ފާޑުކިޔުންތެރިން ވަނީ ބުނެފައެވެ.

މައިކެލް އަކީ ދެ ކުދިންގެ ބައްޕައެކެވެ. 29 އަހަރުގެ މައިކެލްގެ ކައިވެނި ރޫޅިފައި ވަނީ މިއަހަރުގެ ކުރީކޮޅެވެ.

މި ފާއިތުވެ ދިޔަ ދުވަސްތަކުގައި އެންމެ ގަނަ ބަޔަކު އެ ތަރިއެއްގެ މައުލޫމާތު ހޯދަން ގޫގަލް ސަރޗްކުރި އެއް ފަންނާނަކީ ވެސް މައިކެލްއެވެ.

މައިކެލް އަށް ލިބުނު މަގްބޫލްކަމާއި އެކު ފިލްމީ ދާއިރާގައި އޭނާއަށް އިތުރު ހުށަހެޅުންތައް ވަރަށް ފަސޭހައިލް ލިބޭނެ ކަމަށް ބެލެވެއެވެ.

އަދި އޭނާގެ އަންހެން ފޭން ބޭސް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އޭނާ އަށް މޮޑެލިން އެޖެންސީތަކުން ވެސް ހުށަހެޅުންތައް ލިބޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ