ޖައްވުގެ ކޮންމެވެސް ހިސާބެއްގައި އޭލިއަނުން ބޮޑު ހަޟާރަތެއް ގާއިމުކޮށްގެން ދުނިޔެއަށްވުރެ މާބޮޑަށް ކުރިއަރައިގެން ގޮސް، ތިބެދާނެ ކަމަށް އެތައް ބަޔަކު އުއްމީދު ކުރެއެވެ. އޭލިއަނުންގެ ވާހަކައަކީ ހަމައެކަނި ހޮލީވުޑްގެ ފިލްމެއްގައި ގެނެސްދޭ ހިޔާލީ ވާހަކައަކަށް ނުވާނެ ކަމަށް ވެސް އެތައް ބަޔަކު އުއްމީދު ކުރެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އޭލިއަނުން ޖައްވުގެ އެއްވެސް ހިސާބެއްގައި އުޅޭނަމަ އެކަން މިހާރު އެމެރިކާ ސަރުކާރަށް އެނގޭނެއެވެ. މިކަން ގަބޫލު ކުރާ މީހުން ތިބީ އެމެރިކާ އިން ޔޫއެފްއޯ އާއި ގުޅޭ ރިޕޯޓެއް ނެރެން ތައްޔާރުވުމުން ވަރަށް އުފާވެފައެވެ.

ނަމަވެސް ހުކުރު ދުވަހު އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުން އާއްމުކުރި ރިޕޯޓުން ފެނުނީ "ހަމައެކަނި ނާއުއްމީދެވެ." އޭލިއަނުންގެ އެއްވެސް ވާހަކައެއް އެރިޕޯޓްގައި ލިޔެފައި ނެތެވެ. ރިޕޯޓްގައި އޮތީވެސް އެންމެ ނުވަ ސޮފްހާއެވެ. އޭގެތެރެއިން ދެ ސޮފްހާއަކީ ރިޕޯޓްގެ ތައާރަފް ލިޔަން ހާއްސަކޮށްފައި އޮތް ދެސޮފްހާއެވެ.

ރިޕޯޓްގައި ވަނީ ޔޫއެފްއޯ ނުވަތަ ޖައްވުން ފެންނަ ކޮންއެއްޗެއްކަން ނޭނގޭ އެއްޗެހީގެ ގޮތުގައި ހިމެނޭ ބައެއް ތަކެތީގެ ވާހަކަތައް ބަޔާންކޮށްފައެވެ. އޭލިއަނުން ދަތުރުކުރާ އުޅަނދުތައް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭ މިތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ ޖައްވަށް ފޮނުވާފައިވާ އެއްޗެހިން ނެއްޓޭ ކުނިބުންޏާއި، ދޫންޏާއި، ފުއްޕާހަމާއި، ޑްރޯން އާއި ޕްލާސްޓިކް ކޮތަޅާއި އައިސްގަނޑުގަނޑާއި ދިރާސާތައް ކުރުމަށް ޖައްވަށް އެކި ގައުމުތަކުން ފޮނުވާތަކެއްޗާއި އަދި "އެހެނިހެން ތަކެތި" ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔެއަށް ވެއްޓޭ، ނުވަތަ ވައިގެ ތެރޭގައި ދަތުރުކުރަނިކޮށް ފެންނަ ކޮންއެއްޗެއްކަން ނޭނގޭ ތަކެތި ދެނެގަނެ އިތުރު ދިރާސާތައް ކުރުމަށް އެމެރިކާގެ އިދާރާތަކަށް އިތުރު ބަޖެޓާއި އިތުރު ވަސީލަތްތައް ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. اکف

    ފުލޯކު ވާހަކައް

  2. ހުސޭނުބޭ

    އެމެރިކާގައި އޭލިޔަނުން އުޅެފައި ރާއްޖޭގައި އޭލިޔަނުން ނޫޅެނީ ކީއްވެ؟
    ރާއްޖޭގައި ސަފަރުކަތްދައާއި ހާރުގެރި އުޅެފައި އެ ދެ ގޮލާ އެމެރިކާގައި ނޫޅެނީ ކީއްވެ؟
    ނާސާ މީހުން މި ސުވާލަށް އަޅެ ޖަވާބުދީބަލަ!