ފޮޓޯ އިން ފެންނަނީ އެއް އާއިލާއެއްގެ 13 ކުދިންނެވެ. މަންމަ އާއި ބައްޕަ ނިކަން ލޯބިން އެކުދިންނާއި އެކު އުޅޭ މަންޒަރެވެ. ނަމަވެސް ފޮޓޯ އަކީ ކޮންމެ ފަހަރަކު ހަޤީޤީ މަންޒަރަކަށް ނުވެއެވެ. ފޮޓޯ ފެންނަ ގޮތައް ފޮޓޯ ބެލުމުން ކޮންމެ ފަހަރަކު ހަޤީޤަތެއް ނޭނގޭނެއެވެ. އެކަން އެންމެ ބޮޑަށް ގަބޫލު ކުރަނީ އެމެރިކާގެ މި 13 ކުދިންނެވެ.

މުޅި މަންމަ އާއި ބައްޕަގެ އަނިޔާވެރިކަމުގެ ދަށުގައި ހޭދަކުރަން ޖެހިފައިވާ ކުދިންތަކުގެ ތެރެއިން އެއް ކުއްޖަކު އެންމެ ފަހުން މިވަނީ 911 އަށް ފޯނުކޮށް އެކުދިންގެ މައިންބަފައިން އެކުދިންނާއި މެދު ކަންތައްކުރާ ގޮތް ކިޔައިދީފައެވެ.

ފޯނުން ވާހަކަ ދެއްކި ކުއްޖާ އަށް ގޭގެ އެޑްރެސް ވެސް ރަނގަޅަކަށް ނޭނގުނެވެ. 911 ގެ އޮޕަރޭޓަރު ކުރި ސުވާލަށް ޖަވާބު ދެމުން ފޯނުން ވާހަކަދެއްކި އަންހެން ކުއްޖާ ބުނީ އޭނާ ގެއިން ބޭރަށް ނިކުންނަނީ ވަރަށްމަދުން ކަމަށެވެ. އެހެންކަމުން ގޭގެ އެޑްރެސް ރަނގަޅަށް ނޭނގޭ ކަމަށެވެ.

އެކުއްޖާ އިތުރަށް ބުނީ ކޮއްކޮމެން ޗޭނު ޖަހައިގެން ގެންގުޅޭ މަންޒަރު ބަލާކަށް އޭނާ އަށް އިތުރަށް ކެތެއް ނުކުރެވޭނެއެވެ.

13 ކުދިންގެ މަންމަ އާއި ބައްޕަ ހައްޔަރު ކުރީ ޖަނަވަރީ މަސް ތެރޭގައެވެ.

މިމައްސަލައިގެ ޝަރީޢަތް މިހާރު ފަށާފައި ވާއިރު މިއަދު އޮތީ 911 އަށް ކުރި ފޯން ކޯލްގެ ރެކޯޑިން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމެވެ.

ފުލުހުންގެ ސަމާލުކަމަށް މިމައްސަލަ އައީ ގޭގެ ކުޑަދޮރުން ނިކުމެގެން 17 އަހަރުގެ އަންހެން ކުއްޖަކު ގޮސް 911 އަށް ފޯން ކުރުމުންނެވެ. ފުލުހުން އެކުދިން ދިރިއުޅުނު ގެއަށް ދިޔައިރު އުމުރުން ދެއަހަރާއި 29 އަހަރާއި ދެމެދުގެ 13 ކުދިން އެގޭގައި ހައްޔަރުކޮށްފައި ތިއްބެވެ.

މިމައްސަލައިގައި ކުދިންގެ މައިންބަފައިން ކަމަށްވާ އުމުރުން 56 އަހަރުގެ ޑޭވިޑް ޓާޕްލިން އާއި 49 އަހަރުގެ ލުއިސް ޓާޕްލިން ވަނީ ހައްޔަރު ކޮށްފައެވެ. އެދެމީހުންގެ މައްޗަށް ވަނީ 40 އަށް ވުރެ ގިނަ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު