އިނގިރޭސިވިލާތުގެ މެންޗެސްޓާގައި އަންހެނަކު އޭޓިއެމް އިން ފައިސާ ނަގައިގެން ނިކުތްތަނުން ފައިސާތައް ފޭރިގަތް މީހަކަށް "ރަނގަޅު ފިލާވަޅެއް" ލިބިއްޖެއެވެ.

އަންހެން މީހާގެ އަތްދަބަސް ފޭރިގަނެގެން ފިލަން ދުއްވައިގަތް މީހާ އަށް ހުރަސް އެޅީ އެސަރަހައްދުގައި އެވަގުތު ހުރި 43 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ ފިލަން ދުއްވައިގަތް މީހާ އާއި ދިމާއަށް ފުންމައިގަނެ އޭނާ ބިންމައްޗަށް ވައްޓާލާފައެވެ.

ފޭރުނު މީހާ ބިންމައްޗަށް ވައްޓާލުމާއި އެކު އެސަރަހައްދުގައި ތިބި އެހެން މީހުން ވަނީ ފުލުހުންނަށް ގުޅާ އެސަރަހައްދަށް ފުލުހުން ގެނެސްފައެވެ.

ފުލުހުން ބުނީ އަންހެން މީހާގެ އަތްދަބަސް ފޭރުނު މީހާގެ މައްޗަށް ފޭރުމުގެ ދައުވާ މިހާރު އުފުލާފައިވާ ކަމަށެވެ.

އޭނާ އަންހެން މީހާގެ އަތްދަބަސް ޖަހައިގަތް އިރު ދަބަހުގައި އޮތީ 170 ޕައުންޑެވެ.

ފަހަކަށް އައިސް އިނގިރޭސިވިލާތުގެ މަގުމަތަކުގައި ފޭރުމާއި މާރާމާރީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ފުލުހުންނަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ފޯރުކޮށްނުދޭތީ ދިމާވަމުންދާ މައްސަލަތަކެކެވެ.

2008 ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދަށް އައި ހީނަރުކަމަށް ފަހު އަދިވެސް އިނގިރޭސިވިލާތުގެ އިޤުތިޞާދު އެންމެ ރަނގަޅެއް ނުވެއެވެ. މިހާރު އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމަށް ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން އަނެއްކާ އިޤުތިޞާދަށް ވަނީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު