ޔޫރޯ 2020 ގެ ދެވަނަބުރުގައި މެޗުގެ ފުރިހަމަ ވަގުތު ހަަމަވެގެން ކުޅުނު އިތުރުވަގުތު ކާމިޔާބުކުރީ ލަނޑުތަކާއެކު އޮސްޓްރިއާ 2-1 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު ކުއާޓާފައިނަލުގައި އިޓަލީ ބައްދަލުކުރާނީ ބެލްޖިއަމް އާއި ޕޯޗުގަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށްގެން ކުޅުނީ އިޓަލީންނެވެ. އިޓަލީ ކުޅުންތެރިންނަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި އޮސްޓްރިއާގެ ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން ވަރަށް ރަނގަޅަށް އިޓަލީގެ ހަމަލާތައް ހިފެހެއްޓިއެވެ. ހާއްސަކޮށް އޮސްޓްރިއާގެ ތަޖުރިބާކާރު ކެޕްޓާން އަލަބާގެ ލީޑަޝިޕް ވަރަށް ރަނގަޅަށް ފާހަގަވިއެވެ.

މި ހާފުގައި އެންމެ ރަނގަޅު ފުރުސަތުވެސް ތަނަވަސްކުރީ އިޓަލީންނެވެ. އޭރިއާ ބޭރުން ގޯލާއި އަމާޒުކޮށް އިމޮބިލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑީގެ ކަނަށެވެ. މި ފުރުސަތަށްފަހު ވެސް އިޓަލީން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ހާފު ނިމެން ދަނިކޮށް ސްޕިނަޒޯލާ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އެ ބޯޅައިގެ ބޭނުމެއް ނުހިފުނެވެ.

ކައުންޓަރ އެޓޭކުތަކުގައި އޮސްޓްރިއާ ފެނުނީ ނުރައްކާކޮށެވެ. އަދި އިޓަލީގެ ޑިފެންސްލައިން ވެސް ފެނުނީ ނެގިމަޑުކޮށެވެ. ދެވަނަ ހާފުވެސް ފެނުނީ ފުރަތަމަ ހާފެކޭ ދާދި އެއްގޮތަށެވެ. ނަމަވެސް އޮސްޓްރިއާ އިން މި މެޗުގައި އޮފްސައިޑް ލަނޑެއް ޖެހިއެވެ. މެޗުގެ 65 ވަނަ މިނެޓުގައި އަލަބާ ތަނަވަސްކުރި ފުރުސަތަކުން އާނޮޓޮވިޗް ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.

އިޓަލީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މެޗުގެ ފުރިހަމަ ވަގުތު ނިމެން ދިޔަވަރަކަށް އިޓަލީ ފެނުނީ ޕްރެޝަރަށް ދިޔަތަނެވެ. އަދި އޮސްޓްރިއާ އިން ވަރަށް ރަނގަޅަށް އިޓަލީ ހިފެހެއްޓި ތަނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި ވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ.

އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އިޓަލީން ވަނީ އޮސްޓްެރިއާގެ ޑިފެންސްލައިން ފޫއަޅުވާލާ ލީޑު ނަގާފައެވެ. އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ހޯދާ ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ކިއެސާ އެވެ. މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން އިޓަލީން ލީޑު ފުޅާކުރިއެވެ. އަޗާބީ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ ޕެސީނާ އެވެ.

އިތުރުވަގުތުގެ ދެވަނަ ހާފުގައި އޮސްޓްރިއާ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. އޭރިއާ ބޭރުން އޮސްޓްރިއާގެ ޝައުބް ފޮނުވާލި ބާރު ހަމަލާ އިޓަލީގެ އުއްމީދީ ކީޕަރު ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ.

ހާފުގެ ކުޅުން ނިންމާލަން ގާތްވެފައިވަނިކޮށް ލިބުނު ކޯނަރަކުން އޮސްޓްރިއާ އިން ލަނޑެއް ޖެހިއެވެ. މެޗުގެ 114 ވަނަ މިނެޓުގައި ޝައުބް ނަގައިދިން ކޯނަރަކުން ލިބުނު ހަނި ދޭތެރެއަކުން ބޯޅަ ގޯލުގެ ތެރެއަަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ ކެލެޑިޗް އެޗެ. މިއީ އިޓަލީގެ ގޯލަށް ބޯޅައެއް ނުވަދެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުމެކެވެ. މި ލަނޑަށްފަހު ވެސް އޮސްޓްރިއާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ.