ޖަޕާންގެ އައްސޭރިފަށުގައި އޮންނަ ޖަޒީރާ ރަށަކުން ސައިންސްވެރިންނަށް ފެނުނު އިންސާނެއްގެ ކަށިގަނޑަކީ މީގެ 3000 އަހަރު ކުރިން މިޔަރެއް ހަމަލާ ދިނުމުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ކަމަށް އޮކްސްފޯޑްގެ ސައިންސްވެރިން ބުނެފިއެވެ. ޖަޕާންގެ ސެޓޯ އައިލެންޑް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސުކޯމޯ ނަމަކަށް ކިޔާ ރަށުން ފެނުނު ކަށިގަނޑުގައި 790 ޒަހަމް ހުރި ކަމަށް ސައިންސްވެރިން ބުނެއެވެ. އޭގެތެރެއިން އެންމެ ގިނަ ޒަހަމް ހުރީ އަތުގެ ކަށިތަކުގައެވެ. އޭގެ އިތުރުން ފައި އަދި މެއާއި ބަނޑުގައި ވެސް ޒަހަމްތައް ހުރި ކަމަށް ދިރާސާ އިން ދައްކައެވެ. ސައިންސްވެރިންނަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ މިޔަރު ދިން ހަމަލާގެ ސަބަބުން "ހަށިގަނޑު ކުދިކުދި ވެފައި އޮތް ނަމަވެސް އެހަށިގަނޑު ރަށުތެރެއަށް ގެނެސް ވަޅުލާފައި އޮތުމުން" ކަމަށް ހަށިގަނޑު ދިރާސާކުރި ސައިންސްވެރިންގެ ޓީމްގައި ހިމެނުނު އެލީޝާ ވައިޓް ވިދާޅުވިއެވެ. މިހަށިގަނޑު ވަޅުލާފައި އޮތީ ރަށުގެ އެހެން މީހުން ވެސް އެދުވަސް ވަރު ވަޅުލަމުން އައި ސަހަރާގައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ޖަޕާން މީހާއަށް ހަމަލާ ދީފައި ވަނީ ބެލެވޭ ގޮތުގައި ވައިޓް ޝާކެއް ނުވަތަ ޓައިގާ ޝާކެކެވެ. އެއީ ލިބިފައި ހުރި ޒަހަމްތައް ގިނަ ކަމުންނެވެ. ފަހަރެއްގައި އެއް މިޔަރަށް ވުރެ ގިނަ މިޔަރު ވެސް އޭނާ އަށް ހަމަލާ ދީފައި ވެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

"އަހަރެމެންނަށް ލަފާކުރެވޭ ގޮތުފައި ވެދާނެ މިއީ އެއްމިޔަރު ނުވަތަ ބައިވަރު މިޔަރުތަކެއްގެ ހަމަލާތަކެއް ކަމަށް ވެސް. ހަމަލާ ދީފައި ވަނީ އޭނާ މޫދުގައި އޮއްވާކަމެއް ނުވަތަ އުޅަނދެއްގައި ހުއްޓާ ކުއްލިއަކަށް މޫދަށް ވެއްޓުމުން ކަމެއް އަދި މިހާތަނަށް މުޅިން ކަށަވަރުކަމާއިއެކު ބުނާކަށް ނޭނގޭ." ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

ދިރާސާ ކުރި ސައިންސްވެރިން ވަނީ 3ޑީ ކުރެހުމުގެ އެހީގައި ލިބިފައިވާ ޒަހަމްތައް ކުރަހައި ޒަހަމްތައް ލިބިފައި ހުރި ގޮތްތައް ވެސް ބަލާފައެވެ.

މިދިރާސާ އަކީ މިޔަރުގެ ހަމަލާތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރާ ފޮރެންސިކް ރިސާޗަރުންގެ ޓީމަކުން ކުރި ދިރާސާއެކެވެ. ދިރާސާ ކުރި ސައިންސްވެރިން އުއްމީދު ކުރަނީ މިދިރާސާގެ ސަބަބުން މީގެ އެތައް ހާސް އަހަރެއް ކުރިން އުޅުނު މިޔަރުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ދެނެގަނެވޭނެ ކަމަށެވެ.