މާސް އަށް މިހައިތަނަށް އެމެރިކާ އިން ކިތައްމެ ގިނަ އުޅަނދެއް ފޮނުވާ، ކާމިޔާބު ދިރާސާތަކެއް ކޮށްފައި ވީނަމަވެސް މާސް އަށް އިންސާނަކު ފޮނުވުން އެއީ އަދި އެމެރިކާ އަށް ވެސް ނުކުރެވި އޮތް ކަމެކެވެ. މިހާރު ޖައްވީ ކަންކަމުގައި އެމެރިކާ އާއި އެންމެ ވާދަކުރާ ޗައިނާ އިން މިވަނީ މާސް އަށް އިންސާނަކު ފޮނުވަން ތައްޔާރުވަމުންދާކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އިންސާނުން ދިރިއުޅެން އެކަށީގެންވާ ޕްލެނެޓެއް ސޯލާ ސިސްޓަމްގައި އޮތްނަމަ އެ ޕްލެނެޓަކަށް ވާނީ މާސް ކަމަށް ވަރަށް ގިނަ ސައިންސްވެރިން އުއްމީދު ކުރެއެވެ. އެހެންވެ މާސްގައި ދިރާސާތައް ކުރަން އެމެރިކާ އާއި ޗައިނާ ވެސް މިހާރު ހާއްސަ އިސްކަމެއް ދެއެވެ. މިހާރު ވެސް އެމެރިކާ އާއި ޗައިނާގެ އުޅަނދުތަކެއް މާސްގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ޗައިނާ އިން އިއްޔެ ބުނީ ޗައިނާގެ އަމާޒކީ ޗައިނާގެ އެސްޓްރޮނޯޓުންގެ ކްރޫއެއް 2033 ވަނަ އަހަރު މާސް އަށް ފޮނުވުމުން ކަމަށެވެ. މި ކްރޫގައި ހިމެނޭނީ ކިތައް އެސްޓްރޮނޯޓުން ކަމެއް އަދި ކަނޑައެއް ނާޅައެވެ. ނަމަވެސް ޗައިނާ އިން ބުނީ އެއީ ޗައިނާގެ އެސްޓްރޮނޯޓުން މާސް އަށް އާއްމުކޮށް ދަތުރުކުރަން ފަށާ ފެށުމެއް ކަމަށާއި އެހައި ހިސާބުން ވަކި އިންތިޒާމްތަކެއްގެ ތެރެއިން މާސް އަށް ޗައިނާގެ އެސްޓްރޮނޯޓުން ދަތުރުކުރާނެ ކަމަށެވެ.

ޗައިނާ އެކަޑަމީ އޮފް ލާންޗް ވެހިކަލް ޓެކްނޮލޮޖީގެ ވެރިޔާ ވަންގް ޒިއަޖޮން ވިދާޅުވީ ޗައިނާގެ ފުރަތަމަ އަމާޒަކީ މާސްގައި ބޭސްއެއް އިމާރާތް ކުރުން ކަމަށެވެ. އިންސާނުން މާސް އަށް ފޮނުވާނީ ބޭސްގެ މަސައްކަތް ނިންމުމަށް ފަހު އެވެ. ބޭސް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ މާސް އަށް ރޮބޮޓްތަކެއް ފޮނުވައިގެން ކަމަށް ވެސް ވަންގް ވިދާޅުވިއެވެ.

ޗައިނާ އިން މިހާރު ވަނީ ޖައްވީ އިދާރާއެއް ވެސް ޖައްވުގައި ގާއިމު ކޮށްފައެވެ. މިއީ އެމެރިކާ އާއި އަދި އެހެން ބައުމުތައް ބައިވެރިވެގެން ޖައްވުގައި ގާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ ޖައްވީ އިދާރާ އައިއެސްއެސް ފިޔަވައި ޖައްވުގައި ބިނާކުރި ފުރަތަމަ އިދާރާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމީތާބް

    ތިތަނަށް ޔާމީން ފޮނުވާބަލަ.. ޖަލަށްވުރެ ރަގަޅުވާނެ 5 އަހަރުކޮއްލާފަ ގެންނާނީ ..

    3
    8