މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ނޫހެއްގައި ޖަހާފައި އޮތް އިޝްތިހާރެއް ފެނިގެން އެތައް ބަޔަކު ތިބީ ހައިރާން ވެފައެވެ. އެ އިޝްތިހާރަކީ އަންހެނަކު ފިިރިޔަކު ހޯދަން އިއުލާނުކޮށްފައިވާ އިޝްތިހާރެކެވެ. އޭގައި ބުނެފައި ވަނީ އޭނާއަކީ ފެމިނިސްޓެއް ކަމަށާއި، އޭނާއަކީ އިސްތަށިގަނޑު ކުރު އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާ ފިރިޔަކު ހޯދަން ކުރި އިޝްތިހާރު މީސް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ. އޭގައި ބުނެފައި ވަނީ އެއަންހެން މީހާއަކީ 30 އަހަރުން މަތީގެ މީހެއް ކަމަށާއި، އޭނާއަކީ ތައުލީމީ މީހެއް ކަމަށެވެ.

އަދި އޭނާ ބޭނުން ވަނީ ރީތި، އަދި ހަށިގަނޑު ރަނގަޅު ވަރަކަށް ހުންނަ މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި އެ ފިރިހެން މީހާ ވާން ޖެހޭނީ އުމުރުން 25 އަހަރާއި 28 އަހަރާއި ދެމެދުގެ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ފިރިހެން މީހާ ވާން ޖެހޭނީ އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއަށް ކަމަށާއި، އަމިއްލަ ވިޔަފާރިއެއް ވެސް ހިންގާ މީހަކަށް ވާން ޖެހޭނެ ކަމަށާއި، އަމިއްލަ ގެއެއް ހުންނަ މީހަކަށް ވެސް ވާން ޖެހޭނެ ބުނެފައި ވެއެވެ. އަދި އެ ފިރިހެން މީހާއަކީ ފޮޑިޖަހާ، އަދި އަނގައިން ބާރަށް ވައިލާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އިއުލާނު ފެނިގެން އެތައް ބަޔަކު ބުނަމުން ދަނީ މިއީ ވަރަށް ޑިމާންޑް ބޮޑު އަންހެނެއް ކަމަށެވެ.

އެ އިޝްތިހާރާއި ގުޅިގެން ގިނަބަޔަކު ވާހަކަ ދައްކަމުންދާއިރު، ބީބީސީން ވަނީ އެ އިޝްތިހާރުގައިވާ އީމެއިލްއަށް މެއިލްކޮށް ކަމުގެ ހަގީގަތް ބަލާފައެވެ. އެގޮތުން އެނގުނު ގޮތުގައި، އެއީ މަޖަލަކަށް ކުރި ކަމެކެވެ.

ބީބީސީގެ ރިޕޯޓްތައް ބުނާގޮތުގައި، ނަން ހާމަ ކުރަން ބޭނުން ނުވާ މީހާ ބުނެފައިވާ ގޮތުގައި، އެއީ ސަކްޝީ (އަސްލު ނަމެއް ނޫން)ގެ 30 ވަަނަ އުފަން ދުވަހަށް ޕްރޭންކެއް ޖެއްސުމުގެ ގޮތުން ކުރި ކަމެކެވެ. އަދި އެކަން ކޮށްފައި ވަނީ އޭނާގެ ބޭބެ އާއި އެންމެ ގާތް އެކުވެރިޔާ ކަމަށް ވެއެވެ.

އަދި ސަކްޝީގެ ބޭބެ އޭނާގެ އުފަން ދުވަހުގެ އެއް ރޭ ކުރިން، އެ އީމެއިލް އާއި ޕާސްވޯޑް ދިން ކަމަށާއި، އަދި އެ ހުށަހެޅުންތައް ބަލަން ފުރުސަތު ދިން ކަމަށް ބުނެފައި ވެއެވެ.

"އަހަރެން ބެލިއިރު އޭގައި އިން އީމެއިލް އެޑްރެސް އާއި ޕާސްވޯޑެއް، އެއީ ކޮން ބޭނުމެއްގައި ކުރި ކަމެއް އެއިރު، ނޭނގެ. އޭގެ އަނެއް ދުވަހުގެ ހެނދުނު ބޭބެ ގެނައީ ނޫސް ޕޭޕަރިުގެ ކޮޕީއެއް، އަދި އޭގައި އިން މެޓްރިމޮނިއަލް ކޮލަމް ދެއްކި. އެ ފެނިފައި ވަރަށް ހެވުނު".

އެ އިޝްތިހާރާއެކު އޭނާއަށް ވަރަށް އެހެން ކަހަލަ އީމެއިލްތައް ލިބުނު ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ލިޔާނެ އެެއްޗެެއް ނެތިގެން އުޅޭ ބައެއް

  2. މޮހޮނު

    ބަލަ ފޮޑި ޖެހުމަކީ ސިއްޙަތަށް ވަރަށް ފައި ދާ ހުރި ކަމެއްކަމަށް ވަނީ، އޭގެ ސަބަބުން އެތައްބައިވަރު ބަލިތަކުން ރައްކާތެރިކޮށް ދޭ ކަމެކޯ އެއީ. ފޮޑި ނުޖަހަ ވައި ނުލާ އުޅެވޭތަ؟ ނޭވާވެސް ނުލައި އުޅެން ވީނު. ހަހަހަ...