އުފަންވިއިރު އަޑުއިވުމުގެ ކުޅަދާނަކަން ލިބިފައި ނުވާ ތުއްތު ކުއްޖެއްގެ ކަންފަތުގައި ހަރުކުރި ޑިވައިސްއެއްގެ އެހީގައި އެކުއްޖާ އަށް ފުރަތަމަ ފަހަރަށް އަޑެއް އިވުނު ވަގުތު މަންމަ އުފަލުން ރޮއްވާލައިފިއެވެ.

އުމުރުން މިހާރު އެއް އަހަރު ވެފައިވާ އައިލާ އެސްލާ އަށް ފުރަތަމަ ފަހަރަށް އަޑުއިވުނު އިރު އިނީ މަންމަގެ އުނގުގައެވެ. ދަރިފުޅަށް އަޑުއިވޭކަން އެނގުމާއި އެކު މަންމަ ޖަޒުބާތުގައި ޖެހިގެން ރޮވުނެވެ.

އެލްސާ އަށް ފުރަތަމަ ފަހަރަށް އަޑުއިވުނު އިރު މަންމަގެ އިތުރުން ބައްޕަ އާއި ބޭބެ އަދި ދައްތަ ވެސް ކައިރީގައި ތިއްބެވެ.

އެލްސާގެ ކަންފަތުގައި ހަރުކޮށްފައި ވަނީ "ކުކް ޗިލްޑްރެންސް" ކިޔާ ޖަމާޢަތަކުން 2006 ވަނަ އަހަރުން ފެށިގެން ކުދިންގެ ކަންފަތުގައި ހަރުކުރަމުން އަންނަ "ކޮޗްލްއިއާ" ނަމަކަށް ކިޔާ އެއްޗެކެވެ. މިޑިވައިސްގެ އެހީގައި އިވޭ އަޑުތައް "ޕްރޮސެސްކޮށް" ސިކުނޑިއާއި ހަމައަށް އަޑުތައް ގެންގޮސްދެއެވެ.