ދެކުނު ކޮރެޔާގެ ޑުރާމާތަކާއި ފިލުމުތަކުން ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ހޯދާފައިވާ އެކްޓަރ ޖީ ޗެން ވުކް އޭނާގެ އުމުރުން 33 އަހަރު ވީ އިރު ވެސް މަންމައާއި އެކު ދިރިއުޅެމުން ދަނީ ކީއްވެކަން ހާމަކޮށްފިއެވެ.

ޓީވީއެން އިން ދައްކަމުންދާ ޝޯއެއް ކަމުގައިވާ ''ލޭބާހުޑް އޮން ހަޔަރ'' ގެ އެޕިސޯޑެއްގައި ޔޫ ޖައެ ސުކް ދުވަހަކު ވަކިން ގެއެއްގައި އެކަނި އަދި ނޫޅޭކަމަށް ބުނުމުން އެކަމަށް ޗެން ވުކް ވެސް ވަނީ އޭނާ ވެސް އެކަނި ވަކިން ގެއެއްގައި ނޫޅޭ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޗެން ވުކް ބުނެފައިވަނީ އޭނާގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 33 އަހަރުވީ އިރުވެސް އުޅެމުން ދަނީ އޭނާގެ މަންމައާއި އެކު ކަމަށެެވެ.

ޗެން ވުކް ވަރަށް ޅަ އުމުރުގައި ބައްޕަ މަރުވުމުން އޭނާ ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކުރުމަށް މަންމަ އެކަނި ކުރި ބުރަ މަސައްކަތް އަމިއްލަ ލޮލުން ފެނިފައިވެއެވެ. އެހެންކަމުން އެ މަންމަ އެކަނި އުޅެން ދޫކޮށްލާ އޭނާ އަމިއްލައަށް ވަކިން އުޅުމުގެ ހިތްވަރެއް ނެތް ކަމަށް ވެސް ޗެން ވުކް ބުނެފައިވެއެވެ.

އަދި މާއްދީ އެއްޗެއްސާއި ފައިސާ ދިނުމަށްވުރެ މަންމައިން ބޭނުންވާނީ ދަރިންނާއި އެކު ވަގުތު ހޭދަކުރުން ކަމުން، އޭނާ ދިރިއުޅެމުން ދަނީ މަންމައާއި އެކުގައި ކަމަށް ވެސް ބުނެފައިވެއެވެ. ޝޫޓިންގގެ ކަންތައްތައް ހުންނަ ގޮތުން ބޭނުންވާ ވަރަށް ވަގުތު ނުދެވުނު ނަމަވެސް ލިބޭ މިންވަރަކުން މަންމައަށް ވަގުތު ދީ މަންމައާއި އެކު ވަގުތު ހޭދަކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ޖީ ޗެން ވުކްގެ މި ވާހަކަތައް ހިއްސާ ކުރުމުން އޭނާއަކީ ވަރަށް ރަނގަޅު ފިރިހެން ދަރިއެއް ކަމަށް ގިނަ ސަޕޯޓަރުން ބުނެފައިވެއެވެ.