ބޮލީވުޑުގެ ސުޕަރ ސްޓަރ ޝާހުރުކް ޚާން ފިލުމު ކުޅުމާއި ދުރުގައި ދެ އަހަރު ހުރުމަށް ފަހު އެނބުރި މަސައްކަތަށް އައި ފުރަތަމަ ފިލުމު ''ޕަތަން'' ގެ ޝޫޓިން މެދުކެނޑުމަށް ފަހު އަލުން ޝޫޓިން ފަށައިފިއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ޝޫޓިން މެދުކަނޑާަލުމަށް ފަހު އަލުން މި ފިލުމުގެ ޝޫޓިން ފަށައިފިއެވެ. އެކްޝަން ތުރިލާ މި ފިލުމުގެ ޝޫޓިން އަލުން ފަށާފައިވަނީ ހުނަރުވެރި އެކްޝަން 4 ޑައިރެކްޓަރުންނާއި އެކުގައެވެ.

މި ހަތަރު ޑައިރެކްޓަރުންގެ ނަންތައް ހާމަކޮށްފައި ނެތް ނަމަވެސް ސައުތު އެފްރިކާގެ އެކްޝަން ޑައިރެކްޓަރެއް ކަމުގައިވާ ރެއިގް މެކްރައިގެ ނަން ވަނީ ހާމަކޮށްފައެވެ.

''ޓައިޓަން ސްޓަންޓް ކޮމްޕެނީ'' އެއް ހިންގާ ރެއިގް ވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު ޝޫޓިން ކުރިއަށްދާ ގައުމަށް ގޮސްފައެވެ. އަދި ކަރަންޓީނު ނިންމުމަށްފަހު ވަނީ ޝާހުރުކް ޚާނާއި ފިލުމުގެ ޓީމާއި އެކު މަސައްކަތް ފަށައިފައެވެ.

އެވެންޖާސް: އޭޖް އޮފް އަލްޓްރޯންއާއި ބްލަޑްޝޯޓް ފަދަ ފިލުމުތަކުގައި އެކްޝަން ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކޮށްފައިވާ ރެއިގް އަންނަ މަހު ކުރީކޮޅު ޝާހުރުކް ޚާނާއި ޖޯން އަބްރަހަމްއާއި އެކު ވަރުގަދަ އެކްޝަން ސީންތަކެއް ކުޅުމަށް ވަނީ ތާވަލު ކުރެވިފައެވެ.

މީގެއިތުރުން އަދި އިތުރު 3 އެކްޝަން ޑައިރެކްޓަރުން ވެސް މި ފިލުމުގެ ޝޫޓިންތަކުގައި ވަރަށް އަވަހަށް ބައިވެރިވާނެ ކަމަށް ފިލުމުގެ ޓީމުގެ ފަރާތުން ބުނެފައިވެއެވެ.

އާދިތުޔާ ޗޯޕްރާ ޑައިރެކްޓް ކުރާ މި ފިލުމުން ޝާހުރުކް ޚާނާއި އެކު ފެނިގެންދާނީ ދީޕިކާ ޕާޑުކޯންއާއި ޖޯން އަބްރަހަމައެވެ. މި ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ އަންނަ އަހަރުގެ ޢީދުގައެވެ.

ކިޔުންތެރިންގެ ހިޔާލު