ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރެމަށް ތައްޔާރުވަމުން އަންނަ ލޯބީގެ ފިލްމް "ނޮވެމްބަރު" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުން ބެލުންތެރިންނާ ހިސާބަށް ގެނެސްދިނުމަށް ތައްޔާރު ކުރަމުންދާ ފިލްމް "ނޮވެމްބަރު" އަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ސިންގަޕޫރާއި އައްޑޫގައި ފިލްމުގެ ޝޫޓިންގް ކުރިޔަށް ގެންދިޔަ އިރު ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ކްރެއިންގެ ކާމިޔާބު ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ)އެވެ. އަދި ފިލްމުގެ ކޯ-ޑައިރެކްޓަރަކީ އާއިޝަތު ފުއާދެއެވެ.

ލޯބީގެ ރަހަތައް އެކުލެވޭ "ނޮވެމްބަރު" ގެ ލީޑް ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ ކާމިޔާބު ޖޯޑު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާއެވެ. މި ދެ ތަރިން ލޯބިވެރިންގެ ގޮތުގައި ފިލްމުން ފެނިގެންދާ އިރު، އެ ފިލްމުގައި ޖުމައްޔިލް އާއި މަޖުދާ ހިމަނަން ބޭނުންވީ އެ ދެތަރިންގެ ކެމިސްޓްރީ ރަނގަޅުކަމުން ކަމަށް މޮގާ މީގެ ކުރިން ބުނެފައިވެއެވެ.

ބެލުންތެރިންނަށް ދޫކޮށްލައިފައިވާ މި ފިލްމުގެ ޓީޒާ ފެށިގެން ދަނީ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ މަޝްހޫރު ޓީވީ ޕްރެޒެންޓަރ މޫސާ ވަސީމްގެ ރަން އަޑުން ކިޔާލާ އަސަރުގަދަ ލޯބީގެ އިބާރާތަކުންނެވެ. މޫސަ ބުނަނީ "ސޯލް މޭޓްސް އަކީ ހަގީގަތެއްތޯ، ނުވަތަ އެއީ ހަމައެކަނި ވާހަކަތަކާއި، ފިލްމުތަކާއި، ފަލްސަފާތަކުގައި ހިމެނޭ ޖާޒުބީ ހިޔާލެއްތޯ" މިހެންނެވެ. އަސަރުގަދަ އިބާރާތަކާއި އެކު މޫސަ ކުރަނީ ސުވާލެކެވެ. އަދި ލޯތްބަކީ އިމްތިހާނެއް ކަމަށް ގަބޫލުކުރަންތޯ މޫސާ ވަސީމް ސުވާލު ކުރެއެވެ. ޓީޒާގެ ތެރެއިން މި ސުވާލަށް ޖަވާބު ލިބިގެންދެެއެވެ.

ލޯބީގެ ފިލްމް "ނޮވެމްބަރު" ރިލީޒް ކުރަން ހަމަޖެހިފައިވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް، ކޮވިޑާއި ގުޅިގެން ފިލްމް ރިލީޒް ކުރާ ތާރީހު ވަނީ ފަސްކޮށްފައެވެ.