މޫސުމާ އަންނަ ބަދަލުތަކަކީ ކޮންމެ އިންސާނަކަށްވެސް އޭގެ އަސަރު ކުރާނެ ކަންކަމެވެ. އަދި ބައެއް މީހުންނަށް މިފަދަ ކަން ސީރައަސްކޮށް ނެގޭއިރު އަނެއްބައި ބަޔަކަށް މިއީ އެހާބޮޑު ކަމަކަށް ނުވާތަން އާދެ އެވެ. މޫސުން ގޯސްވެ އެކަމާ ކަންބޮޑުވުން ފާޅުކުރި މިސްރު މީހަކު މިވަނީ ކުވައިތުން ހައްޔަރުކޮށްފަ އެވެ.

ކުވައިތުގެ މިނިސްޓްރީ އޮފް އިންޓީރިޔާ އިން މިކަން ކަށްވަރުކޮށްފައިވާއިރު މިސްރު މީހާ ހައްޔަރުކޮށްފައި ވަނީ މޫސުން ގޯސްވެ އެކަމާ ނުރުހުން ފާޅުކޮށް ޓިކޮޓޮކަށް ލާފައިވާ ވީޑިއޯ އަކާއި ގުޅިގެންނެވެ.

ކުވައިތުގެ ފިނިހޫނުމިން މިހާރު 50 ޑިގްރީއަށް އަރާފައިވާއިރު މިއީ މި އަހަރުގައިވެސް ދުނިޔެއަށް އެންމެ ހޫނުވި ދުވަސްވަރެވެ.

ކުވައިތް ސަރުކާރުން ބުނީ މޫސުމާއި ގުޅޭގޮތުން ނުރުހުން ފާޅުކުރި މީހާ އާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަަޅެއް އަޅާނޭ ކަމަށެވެ. ގަލްފް ނިއުސް ބުނެފައިވާގޮތުގައި މިހާރު ކުވައިތުން ހައްޔަރުކުރި މިސްރު މީހާ ވަނީ ޑީޕޯޓު ކޮށްފައެވެ.

https://youtu.be/YG_FmySHGL4

ޓިކްޓޮކް އަށް ލާފައިވާ ވީޑިއޯގައި މިސްރު މީހާ ބުނީ ފާއިތުވި ދުވަސްތަކުގައި ކުވައިތުގެ ފިނިހޫނުމިން މަތިވެފައިވާ ކަމަށެވެ. އަދި ހިރަފުހުގެ ސަބަބުން ކުރިމަތީގައި ތިބޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ޓުއިޓާގައި މި ވީޑިއޯ ދައުރުވާން ފަށާފައިވާ އެތައް ހާސް ބަޔަކު ވަނީ މި ވީޑިއޯ މިހާރު ބަލާފައިއެވެ. ބައެއް ފަރާތްތަކުން ދަނީ މިސްރު މީހާ ހައްޔަރުކޮށް ޑީޕޯޓު ކޮށްލުމުން އެކަމާ ނުރުހުން ފާޅުކޮށް ކުވައިތު ސަރުކާރަށް ފާޑުކިޔާފައެވެ.

ކުވައިތުގައި ހިޔާލުފާޅުކުރުމަށް އެއްވެސް މިނިވަންކަމެއް ނެތް ކަމަށް މި ވީޑިއޯ ޝެއާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.