އެމެރިކާގެ ބޭންކެއް ކަމަށްވާ ޗޭސް ބެންކުން އޮޅުމަކުން މީހެއްގެ ބެންކް އެކައުންޓަށް 50 ބިލިއަން ޑޮލަރު ޖަމާކޮށްފިއެވެ.

ލުއިއީޒިޔާނާ އަށް ނިސްބަތްވާ ޑަރެން ޖޭމްސް މީޑިއާ އަށް ބުނީ އޭނާގެ އަންހެނުންގެ އެކައުންޓަށް ޗޭސް ބޭންކުން 50 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. ހަތަރު ދުވަސްވަންދެން ޖޭމްސްގެ އަންހެނުންގެ އެކައުންޓުގައި ޑޮލަރު ހުރި އިރު އެ އާއިލާއިން އެ ޑޮލަރު އެއްވެސް ގޮތަކަށް ބޭނުންކޮށްފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.

ޖެމްސް ބުނީ އަންހެނުންގެ އެކައުންޓުގައި ގިނަ އަދަދަކަށް ފައިސާ ހުރުމުން ވަގުތުން ޗޭސް ބޭންކަށް އެކަން އަންގާފައިވާ ކަމަށެވެ.

ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޖެމްސް ބުނީ އެމީހުން ތިބީ އެކައުންޓުގައި ގިނަ އަދަދެއްގެ ޑޮލަރު ހުރުމުން އޭގެ ވެރިފަރާތުން ފައިސާ ބަލާ އެމީހުންގެ ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ކަމަށެވެ.

ދެކުދިންގެ ބައްޕަ، ޖެމްސް ފުރަތަމަ ހީކުރީ އެ ފައިސާ އަކީ އެމީހުންގެ އާއިލާގެ މުއްސަނދި މީހާކު މަރުވެގެން ޖަމާކުރި ފައިސާ ކަމަށެވެ.

"އަހަރުމެންނަށް އެނގޭ އެއީ އަހަރުމެންގެ ފައިސާ ނޫންކަން. އަހަރުމެންނަށް ހައްގު އެއްޗެއް ނޫން އެއީ. އެހެންވެ އެ ފައިސާއިން އެއްވެސް ކަމެއް ނުކުރަން." ޖޭމްސް ބުންޏެވެ.

ހަތަރު ދުވަހަށް ޖެމްސް ގެ އާއިލާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދިއެވެ. ޖެމްސް ބުނީ ބެންކް އެކައުންޓުގައި ގިނަ ފައިސާ ހުރިތަން ފެނުމުން ވަރަށް ތަފާތު އިހުސާސްތަކެއް ކުރުވި ކަމަށެވެ.