އިންޑިއާގެ ފިރިހެނަކު އޭނާގެ އަނބިމީހާ މަރާލައި، އަންދާލުމަށް ފަހު، އެއީ ކޮވިޑް-19 ގެ މަރެއް ކަން އަނބިމީހާގެ އާއިލާއަށް އަންގައިފިއެވެ.

އަންދްރަ ޕްރަދޭޝްގެ ޓިރުޕާޓީ ޓައުންގެ ފުލުހުން އިއްޔެ ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކު އޭނާގެ 27 އަހަރުގެ އަނބިމީހާ ގަސްދުގައި މަރާލައި، ފޮއްޓަކަށް ލައިގެން ގެންގޮސް އަންދާލައިފައިވާ ކަމުގެ ތުހުމަތުގައި ހޯދަމުންދާ ކަމަށެވެ.

ޝްރިކާންތާއި އޭނާގެ އަންހެނުން ބުވަނުޝްވަރީ އަދި 18 މަހުގެ ތުއްތު ދަރިފުޅު ދިރިއުޅެމުންދިޔައީ ހައިދަރް އާބާދުގައެވެ. ބުވަނުޝްވަރީ މަސައްކަތް ކުރަމުން ދިޔައީ އައިޓީ ކޮމްޕެނީ އެއްގެ ސޮފްޓްވެއާ އިންޖިނިއަރެއްގެ މަގާމުގައެވެ.

މި އަންހެން މީހާ މަރާލި މައްސަލައާ ގުޅިގެން ފުލުހުން އާންމު ކުރި ސީސީޓިވީ ފުޓޭޖުން ފެންނަނީ މީގެ ހަތް ދުވަސް ކުރިން އެއް އަތުން ބޮޑު ރަތް ކުލައިގެ ފޮއްޓެއް ހިފައިގެން އަނެއް އަތުން 18 މަހުގެ ދަރިފުޅު އުރައިގެން ޝްރިކާންތު ގެއިން ނުކުމެގެންދާ ތަނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ބުވަނުޝްވަރީ އޮތީ އެ ފޮށި ތެރޭގައެވެ.

މިކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އޭނާ އެރި ޓެކްސީ ހޯދައި ޑްރައިވަރާ ސުވާލު ކޮށްފައިވެއެވެ. އަދި މައްސަލައާއި ގުޅިގެން ކުރެވިފައިވާ ފޮރެންސިކް ޓެސްޓްތަކެއްގެ އެހީގައި ފުލުުހުން ވަނީ ބުވަނުޝްވަރީ މަރާލުމަށް ފަހު ފޮއްޓަކަށް ލައިގެން ގެންގޮސްފައިވާކަން ޔަގީން ކޮށްފައެވެ.

ނަމަވެސް، އޭނާ މަރާލަން ޖެހުނު ސަބަބެއް އަދި ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. ފުލުހުން ތުހުމަތު ކޮށްފައިވަނީ ދެމީހުން އަރާރުން ވުމުގެ ތެރެއިން ހަމަލާދީ ޝްރިކާންތު އޭނާގެ އަންހެނުން މަރާލީ ކަމަށެވެ.

ޑްރައިވަރުގެ ބަޔާން ނަގައި ފުލުހުން ދެން އާންމުކުރި މައުލޫމާތުގައި ބުނީ އެ ޑްރައިވަރު ވަނީ އެ ދުވަހު އޭނާ ޓެކްސީގައި ދިޔައީ ހިންދޫ ދީނުގެ މީހުން އަންދާ ތަނަކަށް ކަމާއި ޝްރިކާންތުގެ އަންހެނުން އަންދާލަން އެހީތެރިވެދިން ކަމަށް ބުނެފައެވެ.

މި ހާދިސާއަށް ފަހު ޝްރިކާންތް ބުވަނުޝްވަރީގެ އާއިލާއަށް އަންގާފައިވަނީ އޭނާ މަރުވީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި މަރުވުމުން ހަށިގަނޑު އެންދުމުގެ އިންތިޒާމުވެސް ހަމަޖެއްސީ ހޮސްޕިޓަލުން ކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު