އަނބިމީހާ އާއި ދެދަރިންނައިއެކު އެމެރިކާގައި ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ކުއްލި ގޮތަކަށް އިނގިރޭސިވިލާތައް ހިނގައްޖެއެވެ.

ހެރީ އިނގިރޭސިވިލާތައް ދިޔައީ އޭނާ އާއި ޕްރިންސް ވިލިއަމްގެ މަންމަ ޕްރިންސެސް ޑަޔާނާގެ ހަނދާނުގައި ހަދާފައިވާ ސްޓެޗޫއެއް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. ހެރީ އިނގިރޭސިވިލާތައް ދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. ކޮވިޑް-19 އާއި ގުޅިގެން ފަސް ދުވަހުގެ ކަރަންޓީން ފުރިހަމަކޮށް، ކޮވިޑަށް ޓެސްޓް ކުރުމަށްފަހު މިއަދު ހެރީ ވަނީ ވިންސާ ކާސެލްއިން ނިކުމެފައެވެ.

ކަރަންޓީނުން ނިކުމެ ހެރީ މިއަދު ވަނީ ވީޗައިލްޑް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ދެމުން އަންނަ އެވޯޑެކެވެ.

ހެރީ މިއަދު ވަނީ ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަން އަދި އެމީހުންގެ ދަރިންގެ ކައިރިއަށް ޒިޔާރަތް ކޮށްފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ހެރީ އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރި ފަހުން ޝާހީ އާއިލާ އާއި ގުޅުން ރަނގަޅު ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. އެގުޅުން އިތުރަށް ގޯސްވެގެން ދިޔައީ ހެރީ އާއި މޭގަން ޝާހީ އާއިލާ އާއި ގުޅޭ ގޮތުން މީގެ ހައެއްކަ މަސް ކުރިން ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ. ނަމަވެސް އެއިންޓަވިއުގެ ފަހުން ހެރީ އާއި ވިލިއަމްގެ ކާފަ ޕްރިންސް ފިލިޕް މަރުވުމުން ޖަނާޒާގައި ބައިވެރިވާން ހެރީ ވަނީ އިނގިރޭސިވިލާތައް ގޮސްފައެވެ.

އިންޓަވިއުއަށްފަހު އާއިލީ ގުޅުމަށް އައިސްފައިވާ ބަދަލާއި ގުޅޭ ގޮތުން އަދި މިހާތަނަށް ހެރީ އާއި ވިލިއަމް ވެސް ތަފްސީލްކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.