އިންޑިއާގެ ބޯޕާލްގެ މަދްޔަ ޕްރަދޭޝްގެ އެގްރިކަލްޗަގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމުގައިވާ ސާކްޝީ ބަރަދްވާޖް އޭނާގެ ގޭގެ ފުރަގަހުގައި އޮތް ހުސް ބިމުގައި 4،000 ގަސް އިންދައިި ނެޝަނަލް ރިކޯޑެއް ހަދައިފިއެވެ.

ސާކްޝީ ވަނީ 800 އަކަ ފޫޓުގެ ސަރަހައްދެއްގައި 450 ބާވަތުގެ 4،000 ގަސް އިންދައިފައެވެ. މި 450 ބާވަތުގެ ތެރެއިން 150 ބާވަތުގެ ގަހަކީ އެ ސަރަހައްދުގައި ނުހެދޭ ވައްތަރުގެ ގަސްތަކެކެވެ. ނަމަވެސް އެ ގަސްތައް އެ ސަރަހައްދުގައި ހެދޭނެ ފަދަ އިންތިޒާމް ސާކްޝީ ވަނީ ހަމަޖައްސައިފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ސާކްޝީ މި މަސައްކަތް ފަށާފައި ވަނީ ގޭގައި ކުޑަ ޖަންގައްޔެއް ހެދުމުގެ ބޭނުމުގައެވެ. އަދި މިދިޔަ އަހަރުގެ ފުރަބަންދުން ފެށިގެން މިއަދާ ހަމައަށް ގަސްތައް ހެއްދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ސާކްޝީ ބުނެފައިވެއެވެ.

ސާކްޝީގެ މި ކުޑަ ޖަންގަލި ތައްޔާރު ކުރުމުގައި ތައުލީމް ހާސިލްކޮށްގެން ލިބުނު އިލްމު ބޭނުންކޮށްފައިވާނެ ކަމަށް ވެސް ސާކްޝީ ފާހަގަ ކޮށްފައިވެއެވެ.

ކުޑަ ސަރަހައްދެއްގައި 450 ބާވަތުގެ 4000 ގަސް އިންދައިގެން ސާކްޝީއަށް ވަނީ އިންޑިއާ އިން ކުޑަ ޖަންގައްޔެއް ހެދުމުގެ ރެކޯޑު ވެސް ލިބިފައެވެ.

މިދިޔަ މަހުގެ ކުރީކޮޅު ވެސް މަދްޔަ ޕްރަދޭޝްގެ މީހަކު ވަނީ އޭނާގެ ގޭގެ ތެރަސްމަތީގައި 40 ވައްތަރެއްގެ 2500 ބޮންސައި ގަސް އިންދާފައެވެ.

ގަސް އިންދުމަކީ ރާއްޖޭގައި ވެސް ވަރަށް ގިނަ މީހުން ކުރާހިތްވާ ކަމެކެވެ. ފުރަބަންދުގައި ގޭގައި ތިބެގެން ގިނަ ބަޔަކު ކުރި މަސައްކަތަކީ ވެސް މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު