މަންމަ އިންނަކީ ގިނަ ފަހަރަށް ދަރިންދެކެ އެންމެ ލޯބިވާ މީހުންނެވެ. ދަރިންނަށް އަބަދުވެސް ހެޔޮ ގޮތް ވުމަށް އެދޭނީ މަންމަ އެވެ. ދަރިއަކަށް ކުޑަނަމަވެސް އަނިޔާއެއް ލިބުމާއި އެންމެ ގިނައިން ދެކޮޅު ހަދާނީ ވެސް އަދި ދަރިންގެ ދިފާއުގައި ނިކުންނާނީ ވެސް މަންމަ އެވެ. ނަމަވެސް ބައެއް ފަހަރު ދުނިޔޭގެ މިހަމަ ވެސް އެކޮޅުކޮޅުން ޖެހެއެވެ.

އެންމެ ފަހުން އިއްޔެ އެމެރިކާގެ ލޮސްއެންޖެލިސް އިން މިވަނީ ކުޑަކުޑަ ލޯބިލޯބި ތިން ކުދިންގެ މަރުގެ މައްސަލައެއްގައި އެކުދިންގެ މަންމަ ހައްޔަރުކޮށްފައެވެ. ތިން ކުދިން ވެސް ފެނުނުއިރު ވަނީ މަރުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި މަރުވެފައި ތިއްބާ ފެނުނީ އުމުރުން ހަތަރު އަހަރުގެ ކެމިލާ އާއި ތިން އަހަރުގެ މޭސަން އާއި އެއްމަހުގެ މިލަން އެވެ. ތިން ކުދިން މަރުވި ސީދާ ސަބަބެއް އަދި ނޭނގެއެވެ. ފުލުހުން ބުނާ ގޮތުގައި ތިން ކުދިންގެ މަރުގެ ސަބަބު ހޯދަން މިހާރު އޮޓޮޕްސީ ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އެކުދިންގެ މަންމަ އުމުރުން 28 އަހަރުގެ ސެންޑްރާ އެވެ. އާއިލާ މެންބަރަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ތިން ކުދިންގެ މަންމަ ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅޭތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ތިން ކުދިންގެ ބައްޕަ އާއި ގުޅޭ ގޮތުން މީޑިއާގައި އެއްވެސް މައުލޫމާތެއް ގެނެސްދީފައެއް ނުވެއެވެ.

ސެންޑްރާގެ އަވައްޓެރިން ބުނާ ގޮތުގައި އެމީހުންނަށް ސެންޑްރާ ފެނުނީ ދަރިންނަށް ވަރަށް ބޮޑަށް އަޅާލާ ރަނގަޅު މަންމައެއްގެ ގޮތުގައެވެ. އެފަދަ މީހެއްގެ ކިބައިން މިފަދަ އަނިޔާވެރި އަމަލެއް ކުއްލިއަކަށް ފެނުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް އަވައްޓެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު