ކޮވިޑް-19ގެ ސަބަބުން މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ އެއް ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާއެވެ. އެގައުމަށް މިހާރު ވަނީ ބަލީގެ ދެ ރާޅު އަރައި ތިން ވަނަ ރާޅެއް ވެސް އަރާފާނެ ކަމުގެ ބިރު ކުރިމަތިވެފައެވެ.

އެހެންކަމުން ގިނަ ބަޔަކު އަންނަނީ އެކަމުން އަރައިގަތުމަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއް ވާހަކައަކީ އިންޑިއާއަށް ތިން ވަނަ ރާޅެއް އަރައިފިނަމަ، ކުޑަކުދިންނަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަ ޖެހޭނެތޯއެވެ. އެއީ ބަލީގައި އެންމެ ބޮޑުވަރު ވަނީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވާތީއެވެ.

އެކަމުގައި އިންޑިއާއަށް އެހީތެރުމަށް އެގައުމުގެ ފިލްމީ ތަރިއެއް ކަމަށް ހުމާ ގުރޭޝީ ވަނީ އަތުކުރި އޮޅާލާފައެވެ. އެގޮތުން އޭނާ ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން 30 އެނދުގެ ހޮސްޕިޓަލެއް ދިއްލީގައި އެޅުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހޮސްޕިޓަލުގެ އިތުރުން އޭނާ އަންނަނީ ދިއްލީގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރަމުންނެވެ.

"ހަނގުރާމަ އަދި ނުނިމޭ. ގިނަ ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި. ހާއްސަކޮށް ކުޑަކުދިން. އެހެން ކަމުން އަޅުގަނޑުމެން ތިބެން ޖެހޭނީ ތައްޔާރަށް. ދެވަނަ ރާޅު ގޮތަށް އިތުރަށް ނުރައްކާ ބޮޑުވެދާނެ ވަގުތެއް ނޭނގޭނެ" އޭނާ ބުންޏެވެ.

ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އިންޑިއާއިން މިހާތަނަށް 30 މިލިއަނަށްވުރެ ގިނަ ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެގައުމުން މި ބަލީގައި 4 ލައްކައާއި ކައިރި ކުރާ ވަރަށް މީހުން ވަނީ މަރުވެފައެވެ.