ފިލްމީ ތަރިންނާއި ލަަވަ ކިޔުންތެރިންގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފަރާތްތަކުން މަދެއް ނޫނެވެ. އެފަދަ ފަރާތްތަކުން އެކަހަލަ ކަންތައްތައް ކުރަނީ ތަފާތު ކަންކަން ކޮށްގެންނެވެ.

މިހާރު މީސްމީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ އެފަދަ ފަރާތްތަކުން މާބަނޑުކަން އިއުލާނު ކޮށްފައިވާ ގޮތެވެ. ބައެއް ފަރާތްތަކަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރު ކޮށްގެން އުޅުނު ބައެއް ނަމަވެސް ގިނަ ބަޔަކީ އެކަންކަން އާއްމުންނަށް ހިއްސާ ކުރާ ބައެކެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން ތަފާތު ގޮތަކަށް މާބަނދުކަން އިއުލާނު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ:

ކާޑީބީ އާއި އޮފްސެޓް

ކާޑީބީ އާއި އޮފްސެޓް އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ދެމީހުންނެވެ. އެ ދެމީހުންނަށް މިހާރު އަންހެން ކުއްޖަކު ލިބިފައިވާއިރު، ކާޑީބީ މާބަނޑުކަން އިއުލާނު ކޮށްފައިވަނީ އޭނާގެ ފިރިމީހާއާއި އެކީ ސްޓޭޖްމަތީގައި ލަވަ ކިޔަމުން ގޮހެވެ. އެއީ ޖޫން މަހުގެ 27 ވަނަ ދުވަހެވެ.

ބިޔޯންސޭ އާއި ޖޭއިޒީ

ލަވަ ކިޔުމުގެ ދާއިރާއިން ފިޔަ ޖަހަމުން އަންނަ ބިޔޯންސޭ އާއި ޖޭއިޒީ މާބަނޑުކަން އޭނާވެސް އިއުލާނު ކޮށްފައިވަނީ ލަވަ މުބާރާތެއްގެ ތެރެއިންނެވެ. އެ މުބާރާތުގެ ތެރެއިން ލަވަ ކިޔުން ހުއްޓާލައި އޭނާ ވަނީ "ބޭބީ ބަމްޕް" ބެލުންތެރިންނަށް ދައްކައި ގިނަ ބަޔަކު ހައިރާން ކުރުވާފައެވެ.

ޝާހިދު ކަޕޫރު އާއި މީރާ ރަޖްޕުތް

ހިންދީ ފިލްމުތަކުން ދިވެހިންގެ މަގުބޫލުކަމެއް ހޯދާފައިވާ ޝާހިދު ކަޕޫރު އާއި އޭނާގެ އަނބިމީހާ މީރާ ރަޖްޕުތްއަށް އަންހެން ދަރިއަކު ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ފިރިހެން ދަރިފުޅު ލިބިފައިވަނީ 2018 ވަނަ އަހަރުއެވެ. ފިރިހެން ދަރިފުޅު ލިބުމުގެ ކުރިން އަންހެން ދަރިފުޅު ބާއްވައިގެން ނެގި ފޮޓޯއިން އިތުރު ކުއްޖަކު ލިބޭކަން އެމީހުން ވަނީ ހިއްސާ ކޮށްފައެވެ. އެ ފޮޓޯގައި އަންހެން ދަރިފުޅު އޮށޯވެގެން އޮންނައިރު، "ބޮޑު ދައްތަ" އަކަށް ވަނީ ކަން ވަނީ ހާމަ ކޮށްފައެވެ.

ކޭޓީ ޕެރީ އާއި އޯލަންޑޯ ބްލޫމް

ކޭޓީ ޕެރީ އާއި އޯލަންޑޯ ބްލޫމް އަށް އަންހެން ދަރިފުޅަކު ލިބިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއަހަރުގެ މާޗް މަހުގެ ތެރޭގައި ކޭޓީ މާބަނޑުކަން އިއުލާނު ކޮށްފައިވަނީ ލަވަ އަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިންސްޓަގްރާމްގައި އެކަން ހިއްސާ ކޮށްފައެވެ.

ރިތޭޝް ދޭޝްމުކް އާއި ގެނީލިއާ ޑިސޯޒާ

ރިތޭޝް ދޭޝްމުކް އާއި ގެނީލިއާ ޑިސޯޒާގެ ދެ ކުދިން މިހާރު ތިބޭއިރު، އެންމެ ފުރަމަ ދަރިފުޅު ލިބުމުން އެކަން ތަފާތު ގޮތަކަށް އެމީހުން އިއުލާނެއް ނުކުރެއެވެ. އެހެން ނަމަވެސް ދެވަނަ ދަރިފުޅު ލިބޭކަން އެނގުމުން ރިތޭޝް ވަނީ ޓުވިޓާގައި އެކަން ހިއްސާ ކޮށްފައެވެ. އެޕޯސްޓުގައި އޭނާ ފުރަތމަަ ދަރިފުޅު ފެންނަ ހުރިއިރު، ކުއްޖާއާއި ހަވާލާދީ ބުނެފައިވަނީ ބައްޕައާއި މަންމަ އޭނާ އަށް ބޭބެއަކު ހަދިޔާ ކޮށްފި ކަމަށާއި އެހެން ކަމުން ހުރިހާ ކުޅޭ އެއްޗަކީ ދެން އެކުއްޖާ ކަމަށެވެ.

މިފަދަ ގޮތަކަށް މަޝްހޫރު ތަރިން އެމީހުންނަށް ދަރިއަކު ލިބޭ ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ހުއްޓެއެވެ. އަދި އެކުދިންނަށް ދޭ ނަމަކީ ކޮބައިތޯ ބެލުމަށް ވެސް ގިނަ ބަޔަކު ތިބެނީ ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ފިރިމީހާ މާބަނޑުވެގެން އިޢުލާންކުރި މީހަކު ތިތާކު ނެތެއްނު! ކެކެކެކެކެކެކެކެކެ