ޓިކްޓޮކުން ހަތް މިލިއަނަށްވުރެ ގިނަ ކުދިންގެ އެކައުންޓު ރިމޫވް ކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރިމޫވް ކޮށްފައިވާ އެކައުންޓްތަކުގެ ތެރޭގައި ހިމެނެނީ އުމުރު ހަމަނުވާ ކުދިން ހުޅުވާފައިވާ އެކައުންޓްތަކެވެ. ޓިކްޓޮކް ބޭނުން ކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ 13 އަހަރުން މަތީގެ މީހުންނެވެ.

މި އެކައުންޓްތައް ރިމޫވް ކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ޓިކްޓޮކުން ހަތް މިލިއަން އެކައުންޓް ރިމޫވް ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، މީގެ ކުރިން މި ޕްލެޓްފޯމުން ރިމޫވް ކޮށްފައިވާ މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ކަމުން މިއީ މިގޮތަށް އަދަދު ހާމަކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ރިޕޮޓްތައް ބުނާ ގޮތުން ރިމޫވް ކޮށްފައިވާ 8 މިލިއަން އެކައުންޓުގެ އިތުރުން 62 މިލިއަނަށްވުރެ ގިނަ ވީޑިއޯ ވެސް ވަނީ ރިމޫވް ކޮށްފައެވެ. އޭގެ ތެރޭގައި މީހުންގެ ތެރޭގައި ނަފްރަތު އުފެދޭ ވީޑިއޯތަކާއި އެހެން މީހުންނަށް ފުރައްސާރަ ކުރާ ވީޑިއޯއާއި ބަރަހަނާ ހާލުގައި ކުޅެފައިވާ ވީޑިއޯތައް ހިމެނެއެވެ.

ޗައިނާގެ މަޝްހޫރު މި ޕްލެޓް ފޯމަކީ ދުނިޔޭގެ ގިނަ ބަޔަކު މުނިފޫހި ފުލުމުގެ ބޭނުމުގައި ބޭނުން ކުރަމުން އަންނަ ޕްލެޓް ފޯމެކެވެ. މި ޕްލެޓް ފޯމުގައި އެކި މީހުންނަށް ލިބިފައިވާ ތަފާތު ހުނަރު ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަކާއި އެކީ ދައްކާލެވެއެވެ.

ޓިކްޓޮކަކީ ރާއްޖޭގައި ވެސް މަޝްހޫރު ވެފައިވާ ޕްލެޓް ފޯމެކެވެ. މި ޕްލެޓް ފޯމުގެ ސަބަބުން ގިނަ ތަރިން ރާއްޖެއިން އުފެދި އެފަދަ ފަރާތްތަކުގެ ހުނަރު ވެސް އަންނަނީ އެހެން މީހުންނަށް ދައްކަމުންނެވެ.