އިންސްޓަގްރާމް ބޭނުން ކުރާ މީހުންް ދުވަހުން ދުވަހަށް އިތުރުވަމުންދާ އިރު އެޕްލިކޭޝަން އިތުރަށް ފުރިހަމަކޮށް އިތުރު އާ ފީޗާސްތައް ގެނައުމުގެ މަސައްކަތް އިންސްޓަގްރާމުން ފަށައިފިއެވެ.

ހަމައެކަނި ފޮޓޯ ޝެއާކުރެވޭ ވަސީލަތެއްގެ ގޮތުގައި އިންސްޓަގްރާމް އޮތް އޮތުން ބަދަލުކޮށް މިހާރަށްވުރެ ރަނގަޅަށް ވީޑިއޯ ޝެއާކޮށް އިތުރު ހަރުފަތަކަށް ޖެހިލުމަށް އިންސްޓަގްރާމުން މަސައްކަތް ފަށާފައިވާކަމަށް އިންސްޓްރާމުން ވަނީ ބުނެފައެވެ.

އިންސްޓަގްރާމުގެ އިސް ފަރާތް އެޑަމް މޮސެރީ ބުނީ އިންސްޓަގްރާމަކީ މުނިފޫހިފިލުވުމުގައި ޓިކްޓޮކާއި ޔޫޓިއުބާއި ވާދަކުރެވޭވަރުގެ ޕްޕެޓްފޯމަކަށް ކުރިޔަށް އޮތް ތަނުގައި ވެގެންދާނެ ކަމަށެވެ. އަދި މިހާރު އެންމެ ވާދަވެރި ވަސީލަތްތަކަކީ އެއީ ކަމަށް އޭނާ ފާހަގަ ކުރެއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް އެފަރާތެއް އެންމެ ބޭނުންވާ ވީޑިއޯތަކަކީ ކޮބައިތޯ ދެނެގަތުމަށް ސާވޭއެއް ކުރެވޭނެ ކަމަށް މޮސެރީ ބުންޏެވެ.

މޮސެރީ ބުނީ ކުރިޔަށް އޮތްތަނުގައި އިންސްޓަގްރާމުގެ ހިދުމަށް ފުޅާކުރުމަށް ހަތަރު ދާއިރާއަކަށް އަމާޒުކުރާނޭ ކަމަށެވެ. އެއީ އުފެއްދުންތެރި ފަރާތްތަކަށް ހާއްސަކޮށާއި، ވީޑިއޯ ޝެއާކުރުމަށާއި، ވިޔަފާރިކުރުމަށާއި، މެސެޖުކުރުމަށް ކަމަށް އޭނާ ބުންޏެވެ.

އިންސްޓަގްރާމަކީ އެމެރިކާއިން 2010 ވަނަ އަ އުފައްދާފައިވާ މީސްމީޑިޔާ އެޕްލިކޭޝަނެކެވެ. އެގޮތުން 2012 ވަނަ އަހަރު ފޭސްބުކުން ވަނީ އެއް ބިލިއަން ޑޮލަރަށް އިންސްޓަގްރާމް ގަނެފައެވެ.

އިންސްޓަގްރާމަކީ ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީންނާއި ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ. އިންސްޓަގްރާމުގައި އެންމެ ގިނަ ފޮލޯވަރުން ތިބީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެއެވެ. އޭނާގެ އެކައުންޓް ފޮލޯކުރާ ފަރާތްތަކުގެ އަދަދު އުޅެނީ 300 މިލިއަނުގައެވެ.