މި ގަރުނު ނިމޭ ހިސާބުގައި އިންސާނުން 130 އަހަރުވަންދެން ދުނިޔޭގައި އުޅެފާނެ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންޓަންގެ ސައިންސްވެރިން ކުރި އެ ދިރާސާގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި އިންސާނުންގެ އުމުރު ދިގުކަމަށް ދިރާއިން ފާހަގަވެފައިވާއިރު ކުރިއަށް އޮތް އަހަރުތަކުގައި އިންސާނުންގެ އުމުރު މިހާރަށްވުރެ ދިގުވާނެކަމަށެވެ.

އެންމެ ދުވަސްވީ މީހަކަށް މިހާރު ދުނިޔޭގައި ހުރީ 118 އަހަރުގެ ޖަޕާނު ރައްޔިތެކެވެ. މީގެ ކުރިން 1997 ވަނަ އަހަރު 122 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އިންސާނުންގެ ދުނިޔޭގައި އުޅޭ އުމުރު ދިގުވާނީ މަޑުމަޑުން ކަމަށް ސައިންސުވެރިން ބުނެއެވެ.

ޤައުމުތަކުގައި އެވްރެޖްކޮށް މީހުން މަރުވާ އުމުރު:

ޖަޕާން-84.3 އަހަރު

އޮސްޓްރޭލިޔާ-83 އަހަރު

ފްރާންސް-82.5 އަހަރު

ކެނެޑާ-82.2 އަހަރު

ޔޫކޭ-81.4 އަހަރު

ޔޫއެސް-78.5 އަހަރު

ސޯމާލިޔާ-56.6 އަހަރު

ޔޫރަޕް-78.2 އަހަރު

ވެސްޓާން ޕެސިފިކް-77.7 އަހަރު

އެމެރިކާސް-77.2 އަހަރު

ސައުތު-އީސްޓް އޭޝިޔާ-71.4 އަހަރު

އެފްރިކާ-64.5 އަހަރު

ސައިންސްވެރިން ބުނާގޮތުގައި ކުރިޔަށް އޮތް އަހަރުތަކުގައި ބޭސްވެރިކަން މިހާރަށްވުރެ އިތުރަށް ފުރިހަމަވެ ފުޅާވާނެއެވެ. ސައިންސުގެ ހޯދުންތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށްވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ސައިންސުވެރިން ދަނީ ކެއުމުގެ އާދަތަކާއި ބޭހާއި މާހައުލުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އަސަރުކުރާއިރު ކެއުމުގައި ބޭނުންކުރަންވީ އެންމެ ރައްކާތެރި އަދި ގެއްލުންކުޑަ ކާނާތަކަކީ ކޮބައިތޯ ހޯދަމުންނެވެ.

ގިނަ ދުވަހަށް ދިރިހުރުމަށް ބޭނުންވާ ފަރާތްތައް ކެއުމުގައި ބޭނުންކުރަންވީ ބާވަތްތަކާއި ކަސްރަތުކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަންކަން ކުރުމަށް އެތައް ގޮތަކުން އެހީވުމަށް އިންޓަނެޓް މިހާރުވެސް އޮތީ މައުލާމާތުން ފުރާލާފައެވެ.