ބޮލީވުޑުގެ އެކްޓަރ އާމިރު ޚާނާއި އޭނާގެ އަންހެނުން ކިރަން ރާއޯގެ 15 އަހަރު ވީ ކައިވެނި ނިމުމަކަށް އައިސްފިކަން ދެމީހުން ވެސް ހާމަކޮށްފިއެވެ.

ފިލުމު އުފައްދާ މީހެއް ކަމުގައިވާ ކިރަން ރާއޯއާއި އެކްޓަރ އާމިރު ޚާން ބުނެފައިވަނީ ދެމީހުންގެ ކައިވެނި ރޫޅި ވަރިވާން ޖެހުނު ނަމަވެސް ދަރިފުޅު އާޒާދު ރާއޯ ޚާން ތަރުބިއްޔަތު ކުރުމުގައި ދެމީހުން އެއްވަރަކަށް، ކުރިއެކޭ ވެސް އެއްފަދައިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އާމިރު ޚާނާއި ކިރަން ރާއޯގެ ޕްރޮޑަކްޝަން ހައުސް ''ޕާނީ ފައުންޑޭޝަން'' ގެ މަސައްކަތްތައް ވެސް ކުރިއެކޭ އެއްފަދައިން ދެމީހުން އެކުގައި ކުރާނޭ ކަމަށް ވެސް އާމިރުއާއި ކިރަން ބުނެފައިވެއެވެ.

ދެމީހުން އެކުގައި ހޭދަ ކުރެވުނު 15 އަހަރުގެ ތެރޭގައި އުފަލާއި ހިތާމައާއި އެހެނިހެން ވެސް އެތަކެއް ކަންތަކެއް ތަޖުރިބާ ކޮށްފައިވާ ކަމަށް އާމިރުއާއި ކިރަން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދެމަފިރިންގެ ނަމުގައި އުޅުން ނިމުނު ކަމުގައި ވިޔަސް ޕްރޮފެޝަނަލްކޮށް މުޅިން އައު ގުޅުމެއް އެދެމީހުންގެ މެދުގައި އޮންނާނެ ކަމަށާއި ދެމީހުން ވެސް އެކަކު އަނެކަކުގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ދެމީހުން ވަކިވުމަށް ނިންމާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށާއި ނަމަވެސް ދެމީހުން ވަކިން އުޅުމަށް މިހާރު އެއްވެސް މައްސަލައެއް ނެތުމުން އެކަން ރަސްމީކޮށް އެމީހުން ވަރިވާން އުޅޭކަން ހާމަކުރީ ކަމަށް ބަޔާނުގައި ވެއެވެ..

ސަޕޯޓަރުންގެ ލޯތްބާއި ހެޔޮ ދުޢާތަކަށް އެދޭ ކަމަށާއި އާމިރުއާއި ކިރަން އެ ގުޅުން ނިންމާލީ ރީތިކޮށް ކަމަށާއި ސަޕޯޓަރުން ވެސް އެކަން ރީތިގޮތުގައި ބަލައި ގަތުމަށް ވެސް ބަޔާނުގައި ވެއެވެ.