ލާއިންސާނީ އެތައް އަނިޔާއެއްގެ ޝިކާރައަކަށް އަންހެނުން ވެއެެވެ. އެ މީހުންނާއި ގުޅޭގޮތުން މީގެ ކުރިންވެސް ހިތްދަތި އެތައް ވާހަކައެއް އިވިއްޖެއެވެ. ހިމާޔަތްދޭން ތިބި އާއިލާގެ މެންބަރުންގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކަވެސް މެއެވެ.

މިއީވެސް އެފަދަ ހިތްދަތި ވާހަކައެކެވެ. މިއީ ކައިވެނި ކޮށްގެން އުޅޭ ފިރިހެން މީހާގެ ގެއިން އަމިއްލަ ގެއަށް ދިޔަ އުމުރުން 19 އަހަރުގެ އަންހެނަކަށް އޭނާގެ އާއިލާގެ ފަރާތުން ދިން އިހާނެތި އަނިޔާތަކުގެ ވާހަކައެވެ.

މިކަން ހިނގާފައި ވަނީ އިންޑިއާގެ އަލިރާޖްޕޫރުގައެވެ. މިހާރު މި ހާދިސާގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އެ އަންހެން މީހާގެ އާއިލާގެ މީހުންނަށް ފާޑުކިޔާފައެވެ. އެގޮތުން އެއީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މީސްމީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ކައިވެނިކޮށްގެން އުޅޭތާ ތިން މަސްވެދާނެއެވެ. ފިރިމީހާގެ ގޭގައި ހުރެފައި އަމިއްލަ ގެއަށް ޒިޔާރަތެއް ކޮށްލުމުގެ ނިޔަތުގައި އެ އަންހެން މީހާ ދިއުމުން ބައްޕަ އާއި އާއިލާގެ އެހެން މީހުން އޭނާ ގެއިން ބޭރުކޮށްފައިވަނީ ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ.

އިސްތަށިގަނޑުގައި ހިފައިގެން ގެއިން ބޭރު ކުރުމަށްފަހު، ގަހަކަށް ބަދެ، ދަނޑިގަނޑަކުން ތަޅައި އެކި ކަހަލަ އަނިޔާ ކުރިއިރު، ގިނަ ބަޔަކު އެ މަންޒަރު ބަލަން ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އޭނާ ސަލާމަތް ކުރުމަށް ނުވަތަ އަނިޔާ ނުކުރުމަށް ބާރު އަޅާފައެއް ނުވެއެވެ.

ދައުރުވަމުން އަންނަ ވީޑިއޯއެއްގައި "ރުއިން ހުއްޓާލާ. ދެން ގެއަށް އަންނާނަންތަ" މިފަދައިން ބުނާ އަޑު އިވެއެވެ. އޭގެ ފަހުން ފިރިހެނަކު އޭނާގެ ގައިގައި ތަޅާ މަންޒަރު ފެނެއެވެ. އޭނާ އަށް އަނިޔާ ކުރުން ހުއްޓާލާފައިވަނީ އަތުގައި އޮތް ދަނޑިގަނޑު ބިންދައިގެން ދިއުމުންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިނގާދިޔަ މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިހާރު އޭނާއަށް އަނިޔާ ކުރި، ބައްޕަ އާއި އާއިލާގެ އެހެން މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަގުލު ފިއްތި

    މިކަހަލަ އާޓިކަލް އެއް ފެންނައިރަށް ނުކިޔާވެސް ކަށަވަރު ކުރެވޭ މިފަދަ ލާއިންސާނީ ޖަރީމާއެއް ހިންގީޔާ ހިންގާނީ ގެރިމޯދީގެ ރަށުންކަން

    55
    1
  2. އިމާމް

    ރާއްޖޭގަވެސް ބައެއް އަންހެންކުދިންގެ އާއިލާއިން ދެކެނީ ކާވެނިކުރީމަވެސް އުޅެންޖެހޭނީ އަންހެންކުއްޖަގެ އާއިލާކާރީގަކަމަށް.

    9
    2
  3. ރަން ދަރި

    މި ރާއްޖޭގައި ވެސް އަންހެން ދަރިން އަމިއްލަ އާއިލާގެ ގަދަރު ހިފެހެއްޓުމަށޭ ކިޔާފަ ލައްކަ ކަންކަން ކުރޭ. މީ އެކަމް ދައްކާ ވާހަކަ ތަކެއް ނުން. ހުސް ނުދައްކާ ވާހަކަ .....