ދުނިޔޭގެ ހުރިހާ ގައުމެއްގެ އަސްކަރިއްޔާގައި ވެސް މިހާރު އަންހެނުންގެ ދައުރު އަންނަނީ ފުޅާވަމުންނެވެ. އަންހެނުންގެ ހުނަރުވެރިކަން ހުރީ ފިރިހެނުންނާއި އެއްހަމައެއްގައެވެ. ނުވަތަ ފިރިހެނުންނަށްވުރެ ވެސް ކުރީގައެވެ. މިއީ ވެސް އެކަމުގެ ހެއްކެކެވެ. ޔޫކްރޭންގެ އަންހެން ސިފައިން މިހާރު ތައްޔާރުވަމުން އަންނަނީ އުސް ފައިވާނުގައި ނުވަތަ ހައިހީލްގައި ޕެރޭޑެއް ޖެހުމަށް ތައްޔާރުވަމުންނެވެ.

މިއީ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ފެނު މަންޒަރެއް ނޫނެވެ.

ޔޫކްރޭންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގެ އަންހެން ސިފައިން އުސް ފައިވާނުގައި ޕެރޭޑެއް ޖެހުމަށް ތައްޔާރުވަމުން އަންނަނީ ސޯވިއެޓް ޔޫނިއަންގެ ދަށުން ޔޫކްރޭނަށް މިނިވަންކަން ލިބުނުތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

ޔޫކްރޭންްގެ އަންހެން ސިފައިން އުސް ފައިވާނުގައި ޕެރޭޑެއް ޖެހުމަކީ އެސިފައިންގެ ހުނަރުވެރިކަން ތަފާތު ގޮތަކަށް ދައްކާލެވޭނެ ގޮތެއް ކަމަށް އަސްކަރިއްޔާ އިން ގަބޫލު ކުރި ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ބުނާ ގޮތުގައި މިއީ އަންހެނުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ހެއްކެކެވެ. މިއީ އަންހެނުން ދެރަކޮށް، ނިކަމެތި ކޮށްލުމަށް ކުރާ ކަމެއް ކަމަށް ވެސް ބައެއް މެންބަރުން ބުނެއެވެ.

ޔޫކްރޭންގެ އަސްކަރިއްޔާގައި 31000 އަންހެން ސިފައިން މަސައްކަތް ކުރެއެވެ. މީގެތެރެއިން ގިނަ އަދަދެއްގެ ސިފައިން އުސް ފައިވާނުގައި ޕެރޭޑްގައި ބައިވެރިވާ ގޮތައް އަދި އޮތީ ހަމަޖެހިފައެވެ.

ސިފައިން އުސް ފައިވާނުގައި ޕެރޭޑެއް ޖަހާ މައްސަލަ ބޮޑު ބަހުސަކަށް ވެފައިވާއިރު ޔޫރަޕްގެ ގައުމުތަކުގައި އަންހެނުން އުސް ފައިވާނުގައި އޮފީސްތަކަށް ދާން އެންގުމަކީ ވެސް ބައެއް މީހުން އެކަމާއި ދެކޮޅަށް ވާހަކަދައްކާ މައްސަލައެކެވެ. އެފަދަ ފަރާތްތަކުން ވެސް ބުނާ ގޮތުގައި އަންހެނުން ވަކިވައްތަރެއްގެ ފައިވާނެއްގައި އޮފީހަށް ދިއުމަށް އެންގުމަކީ އަންހެނުންނާއި މެދު ތަފާތު ކުރުން ގެންގުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލީއްކޮ

    ބޯހަލާކު.

    1
    2
  2. ނުރަބޯ

    މީ ފައިގެ ތަނބިކަށްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމެއް.