އެމެރިކާގެ އަންހެނަކަށް އޭނާގެ ފިރިމިހާ ކައިރިން ވަރިވުމަށް ލަފާދިނުމުން އެކަމާއި ރުޅިއައިސްގެން ފިރިމީހާ ޤާނޫނީ ވަކީލަށް ބަޑިން ހަމަލާދީ ވަކީލު މަރާލައިފިއެވެ.

ރަޑްފޯޑް ނަމަކަށް ކިޔާ މީހާ ވަނީ އޭނާގެ އަނބިމީހާ ސިންޑީ އާއި ސިންޑީގެ ޤާނޫނީ ވަކީލު އެންޓޯނިއޯ އާއި އެތައް ފަހަރަކު ބަދަލުކޮށް ވަރި އާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަނބިމީހާ ވަރިކުރާކަށް ރަޑްފޯޑް ބޭނުމެއް ނުވިއެވެ.

ނަމަވެސް ސިންޑީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި އެންޓޯނިއޯ ފަނޑިޔާރުގެ ސަމާލުކަމަށް ގެނައި ކަންކަމަށް ރިޢާޔަތްކޮށް ފަނޑިޔާރު ނިންމީ އަނބިމީހާ ވަރިކުރުމަށް ރަޑްފޯޑްގެ މައްޗަށް އަމުރު ކުރާށެވެ. ފަނޑިޔާރު އެގޮތައް ނިންމުމުން ރަޑްފޯޑް ސުލްހަވެރިކަމާއި އެކު އެގޮތް ގަބޫލު ކުރިއެވެ.

ރަޑްފޯޑް އޭނާގެ އަނބިމީހާ ވަރިކުރަން ނިންމި ނަމަވެސް އެހާލަތު ކުރިމަތި ކުރުވުމުގައި މެދުވެރިޔަކަށްވި ޤާނޫނީ ވަކީލަށް މަޢާފް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ވަކީލުގެ ގެއަށް ގޮސް ވަކީލަށް ބަޑިން ހަމަލާދީ ވަނީ ވަކީލު މަރާލާފައެވެ.

ވަކީލު މަރާލި މައްސަލައިގައި ރަޑްފޯޑް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ރަޑްފޯޑް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަށް އިއުތިރާފުވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެދުވަސް ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.