އާމިރު ޚާނާއި އޭނާގެ އަންހެނުން ކިރަން ރާއޯގެ 15 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސް ވަރިވާން އުޅޭކަމުގެ ޚަބަރާއި އެކު އާމިރުއާއި އެހެން ބަތަލާއެއްގެ ސިއްރު ގުޅުމުގެ އަޑުތަކެއް އަރައިފިއެވެ.

އާމިރު ޚާންގެ ފިލުމު ޑަންގަލްއިން މަގުބޫލުކަން ހޯދާފައިވާ ފާތިމާ ސަނާ ޝެއިޚްއާއި އާމިރު ޚާންގެ ސިއްރު ގުޅުމުގެ އަޑުތައް އަރާފައިވެއެވެ. މިކަން ގިނަ ބަޔަކު ގަބޫލު ކުރީ ފިލުމު ''ޑަންގަލް'' އަށް ފަހު އަނެއްކާ ވެސް އާމިރުއާއި ފާތިމާ އެކުގައި ''ތަގްސް އޮފް ހިންދުސްތާން'' ގައި މަސައްކަތް ފެށުމުންނެވެ.

ނަމަވެސް އާމިރުގެ ކުރީގެ އަންހެނުން ކިރަން ރާއޯ މިކަމާއި ގުޅިގެން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެކަހަލަ ވާހަކަތަކަކީ އޭނާ ގަބޫލު ކުރާ ވާހަކަތަކެއް ނޫން ކަމަށާއި ދޮގު ޚަބަރުތައް ފަތުރާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެން މި އަޑުތައް ފަނޑުވެފައިވިއެވެ.

ފަނޑުވެފައިވާ މި އަޑުތައް އަނެއްކާ ވެސް ފެންމަތިވީ އާމިރު ޚާނާއި ކިރަން ވަކިވުމާއި ބެހޭގޮތުން އެ ދެމީހުން ނެރެފައިވާ ބަޔާނަށް ފަހުގައެވެ.

އާމިރާއި ގުޅުވައިގެން ދައްކާ ވާހަކަތަކާއި ގުޅިގެން ފާތިމާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުރިން މިފަދަ ދޮގު ޚަބަރުތަކުގެ ސަބަަބުން އޭނާއަށް ވަރަށް އަސަރު ކުރާ ކަމަށާއި ނަމަވެސް މިހާރު އެކަމުން އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

ފެތުރިފައިވާ އަޑުތައް ދޮގުކުރަމުން ފާތިމާ ބުނެފައިވަނީ ދޮގު ޚަބަރުތައް ފެތުރުމުގެ ބަދަލުގައި ސީދާ އޭނާއާއި ސުވާލު ކުރުމަށް އެދޭކަމަށެވެ. ކަންތައް ވަމުންދާ ގޮތް އެއިރުން ކިޔައިދޭނެ ކަމަށް ވެސް ފާތިމާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އާމިރު ޚާން އެއްވެސް އެއްޗެކޭ އަދި ނުބުނެއެވެ.