ޓިކްޓޮކުގައި އާންމުކުރާ ވީޑިއޯގެ ދިގުމިން ތިން މިނެޓަށް ބަދަލުކޮށްފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޓިކްޓޮކަށްލާ ކޮންމެ ވީޑިއޯއެއްގެ ވެސް ދިގުމިނަކީ އެއް މިނެޓު ނުވަތަ 60 ސިކުންތެވެ.

ޓިކްޓޮކްގެ ޕްރޮޑަކްޓް މެނޭޖަރު ޑްރިއު ކާކަފް ބުނީ ތިން މިނެޓަށް ޓިކްޓޮކް ވީޑިއޯގެ ދިގުމިން ބަދަލު ކުރުމުން ޓިކްޓޮކްގައި މުނިފޫހިފިލުވުމުގެ ވީޑިއޯތައް ގެންނަން މީހުންނަށާއި ވިޔަފާރި ކުރާ އަދި އެންމެހާ މީހުންނަށް ފަސޭހަ ވާނެ ކަމަށެވެ.

ކުރިޔަށް އޮތް ހަފްތާގައި ޓިކްޓޮކް ބޭނުންކުރާ ހުރިހާ މީހުންނަށް ވެސް ދިގު ވީޑިއޯތައް އަޕްލޯޑް ކުރެވޭ ގޮތް ހެދި އިރު މިއީ ބައެއް ފަރާތްތަކުން ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއްކަން ފާހަގަ ކުރެވެއެވެ.

މިހާރު ޓިކްޓޮކް އަށް ލާފައިވާ ބައެއް ވީޑިއޯތައް ބަލަން ޖެހެނީ އެކި ވީޑިއޯތަކުންކަން ފާހަގަ ކުރެވެއެވެ. އެއީ އެއް މިނެޓަށް ހުރުމުން ވީޑިއޯގެ ފުރަތަމަ ބައި ބަލާފައި ދެވަނަ ބައި ބަލަން އެހެން ވީޑިއޯއެއް ބަލަން ޖެހޭތީއެވެ.

ޓިކްޓޮކްގެ އިތުރުން މީސްމީޑިއާގެ މަޝްހޫރު އިންސްޓަގްރާމުން ވެސް ވަނީ މިހާރަށް ވުރެ ރަނގަޅަށް ވީޑިއޯ ލެވޭނެ ގޮތް ހަދަން ނިންމައިފައެވެ. ހަމައެކަނި ފޮޓޯލެވޭ ވަސީލަތެއްގެ ގޮތުގައި އިންސްޓަގްރާމް ބޭއްވުމުގެ ބަދަލުގައި ވީޑިއޯ ލެވޭ ގިނަ ބަޔަކަށް ފަސޭހައި ބޭނުންކުރެވޭ ވަސީލަތަކަށް އިންސްޓަގްރާމް ހަދާނޭ ކަމަށް އިންސްޓަގްރާމުގެ އިސްފަރާތުން ވަނީ ބުނެފައެވެ.

ކޮވިޑްގެ ސަބަބުން ގޭގައި މަޑުކުރަން މަޖުބޫރުވުމާއި ގުޅިގެން ޓިކްޓޮކަށް އެތައް މިލިއަން މީހުން ވަދެ މަދު އަހަރުތަކެއްގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ޓިކްޓޮކް ވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު