ބޮލީވުޑްގެ ތަރި އަބީޝޭކް ބައްޗަން އާއި ބަތަލާ އައިޝްވާރިޔާ ރާއި އާ ދެ މީހުންގެ ޖޯޑަކީ އާއްމުންނަށް އެންމެ ކަމުދާ އެއް ޖޯޑެވެ. މިސް ވޯލްޑް އައިޝްވާރިޔާ އަކީ އޭނާގެ ރީތި ސިފައިގެ ސަބަބުން ބޮޑު މަޝްހޫރު ކަމެއް ހޯދި ފަންނާނަކަށް ވާއިރު އަބީޝޭކް އަކީ ބިގް ބީގެ ނަމުން ބޮލީވުޑްގައި މަޝްހޫރު އަމީތާބް ބައްޗަންގެ ދަރިފުޅެވެ. މި ސަބަބާ ހުރެ އައިޝްވާރިޔާ އާއި އަބީޝޭކްގެ ގުޅުމަކީ ވަރަށް ޝައުގުވެރި ގުޅުމެކެވެ.

އަބީޝޭކް އަކީ އެއްވެސް ކަހަލަ ކަމެއް ފޮރުވުމަކާ ނުލާ އިންޓަވިއުތަކުގައި ވާހަކަދައްކާ މީހެކެވެ. އޭނާގެ ސަކަ މިޒާޖު އެންމެ ބޮޑަށް ފެންނަނީ ވެސް އިންޓަވިއުތަކުންނެވެ. ދާދިފަހުން އޭނާ ވަނީ އޭނާ ރާއްޖެ އަށް އައިސް އައިޝްވާރިޔާ އަށް ދޭން އުޅުނު ސަޕްރައިޒް އެއް ފަނުފުލުން ދިޔަ ގޮތް ކިޔާދީފައެވެ.

ދެހާސް ހަތް ވަނަ އަހަރު ކައިވެނި ކުރި އެ ދެމަފިރިން ވަނީ އެ ދެ މީހުންގެ ކައިވެންޏަށް އަހަރު ފުރުން ފާހަގަކުރަން ރާއްޖެ އައިސްފައެވެ. އަބީޝޭކް ވަނީ އޭނާ އައިޝްވާރިޔާ އަށް ސަޕްރައިޒެއް ދޭން ވެގެން އަތިރި މަތި ރީތިކޮށް ދެ މީހުން ހިތްގައިމު ވަގުތުކޮޅެއް ހޭދަކުރަން ރޭވުމުން ކަންވީ މުޅިން ގޯސްކޮށްކަން ހާމަކޮށްފައެވެ.

" ހުރިހާ ފިރިހެނުން ކައިރީ އަހަރެން ބުނަން ބޭނުން. ހެޔޮނުވާނެ އަތިރީގައި ނޫނީ ގޮނޑުދޮށުގައި އުއްބައްތީގެ އަލީގައި ލޯބި ރެއެއް ހޭދަކުރުމަކީ ރޮމެންޓިކް ކަމެއް ނޫން. އަހަރެންގެ ކައިވެންޏަށް އަހަރު ފުރުނު ދުވަހު ކެންޑަލް ލައިޓް ޑިނާ އެއް ރޭވީ. ކަންތައްވީގޮތް އެނގޭތަ؟ ވަޔާއި އެކު މޭޒުގެ ފޮތިގަނޑު ދަނީ. ކާއެއްޗެހީގައި ހުސް ވެލި. މުޅި ސަޕްރައިޒް ދިޔައީ ފަނު ފުލުން." އަބީޝޭކް ބުންޏެވެ.

އައިޝްވާރިޔާ އާއި އަބީޝޭކްގެ ކައިވެންޏަށް މި އަހަރު 14 އަހަރު ފުރޭނެއެވެ. އައިޝްވާރިޔާ އާއި އަބީޝޭކްގެ ގުޅުމާއި މެދު އާއްމުން ސުވާލު އުފައްދަމުން ދާއިރު އެއީ މީޑިއާގެ ފާޑުކިޔުންވެސް އެންމެ ބޮޑަށް އަމާޒުވާ އެއް ޖޯޑެވެ. އެ ދެ މީހުން ނުގުޅޭ ކަމަށް ބުނެ ފާޑުކިޔާ މިހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެ ދެމީހުންގެ ގުޅުން އަދިވެސް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

އަބީޝޭކް އާއި އައިޝްވާރިޔާ އަށް ރާއްޖޭގައި ކުރެވުނު އެ ތަޖުރިބާ ގޯސް ނަމަވެސް ރާއްޖެ އަކީ މިދެ ތަރިން ޗުއްޓީ ހޭދަކުރަން އެންމެ ބޮޑަށް ބޭނުންވާ އެއް މަންޒިލްކަން އެ ދެ ތަރިންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ދެ ތަރިންނަކީ ވެސް ވަރަށް ގިނައިން ރާއްޖެ އަންނަ ބައެއްކަން ފާހަގަކޮށްލެވެއެވެ.