ބައިސްކޯފްގެ ސީރީޒް "ތިން ބިބީ" އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ވާޝިޔާ މުހައްމަދު (ޝިޔާ)އަކީ ކުޅަދާނަ ފަންނާނެއް ކަމާއި މެދު ސުވާލެއް ނެތެވެ. ސާދާ އެކްޓިން އާއި އެކު އާއްމުންގެ މަގްބޫލްކަން ހޯދި ވާޝިޔާ އަކީ ހަލުވިކަމާއި އެކު ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ބަތަލާއެކެވެ. އޭނާގެ މޮޅު އެކްޓީންގެ ހުނަރުގެ ހެއްކަކީ ފިލްމީ ދާއިރާގައި ކުރު މުއްދަތުގެ ތެރޭގައި ވެސް ފިލްމާއި، ސީރީޒް އަދި އިޝްތިހާރުތަކުން ފުލުފުލުގައި އޭނާ އަށް ޖާގަ ލިބެމުން އައުމެވެ.

އެކަމަކު ވާޝިޔާގެ ވާހަކަތަކުން އެނގެނީ މި ކާމިޔާބަކީ އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމެވެ. ފިލްމީ ދާއިރާގައި އޭނާ ކުރާ މަސައްކަތަކީ އޭނާ ވަރަށް ސީރިއަސްކޮށް ކުރާ މަސައްކަތެއްކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ. އޭނާ ވަނީ އިންޓަރވިއު އެއްގައި ވާހަކަދައްކަމުން ފުރަތަމަ ފިލްމަށް އޭނާ ތައްޔާރުވި ގޮތް ކިޔާދީފައެވެ.

އަބަދުވެސް ކުރިއަށް އޮތް ދުވަހުގެ ޝޫޓީންގެ ޚީޔާލުތައް އޭނާގެ ހަނދާނުގައި ތާޒާކޮށް ހުންނަކަން ވާޝިޔާ ފާހަގަކުރެއެވެ. އަދި ބައެއް ފަހަރު މަސައްކަތް ކުރާހިތުން ލޮލަށް ނިދި ނާންނަ ފަހަރު ވެސް އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަބަދުވެސް ހިތަށް އަރާ މާދަމާ މި ސީން އޭ އިނީ. ކިހިނެތްބާއޭ އެ ސީން ގެނެސްދޭނީ. އެހެން ހިތަށް އަރާފައި ބައެއް ފަހަރު ނުވެސް ނިދޭ." އޭނާ ކިޔާދިނެވެ.

ވާޝިޔާ އަކީ އޭނާގެ ރޯލުތަކަށް ވަރަށް ބޮޑަށް ތައްޔާރުވާ ފަންނާނެކެވެ. އަދި އޭނާގެ މަސައްކަތް އޭނާ ކުރަމުން ދަނީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. ކޮންމެ ރޯލެއް ލިބުނަސް އާއްމުން ބަލައިގަންނާނެ ފަދަ ގޮތަކަށް އެ ރޯލެއް ގެނެސްދެވޭތޯ އޭނާ މަސައްކަތް ކުރެއެވެ.