ނެޓްފްލިކްސް އިން 2020 ވަނަ އަހަރު ގެނެސްދިން "ދަ އޯލްޑް ގާޑް" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.

ގިނަ ބައެއްގެ ތަރުހީބުލިބިގެންދިޔަ މި ފިލްމުގެ ދެވަނަ ބައެއް އަންނަ އަހަރު ބެލުންތެރިނާއި ހަމައަށް އަންނާނެކަން ހާމަކޮށްފައި ވަނީ ފިލްމްގެ ލީޑު ރޯލުން ފެނިގެންދިޔަ ބަތަލާ ޗާލީޒް ތެރޮން އެވެ.

ބޭރުގެ މީޑިޔާ އަކަށް މައުލޫމާތު ދެމުން ޗާލީޒް ތެރޮން ބުނީ މި ފިލްމްގެ ސްކްރިޕްޓް މިހާރު ފައިނަލްވެފައި ވާކަމަށާއި ފިލްމްގެ ޝޫޓިން 2022 ހުގެ ދެވަނަ ކުއާޓާގައި ފަށާނެކަމަށެވެ.

ދަ އޮޕްޑް ގާޑް ފިލްމަކީ މަޝްހޫރު ވާހަކަ "ދަ އޮލްޑް ގާޑް" އަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމްގެ ފުރަތަމަ ބައި، ލިޔެ ޑައިރެކްޓް ކޮށްފައިވަނީ، ޖީނާ ޕްރިންސް-ބައިދަވުޑް އެވެ.

70 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފައްދާފައިވާ މި ފިލްމުގައި ފެނިގެންދަނީ އެތައް ގަރުނުތަކެއް ވަންދެން އިންސާނިއްޔަތު ރައްކާތެރިކުރުމަށް ސިއްރުން ހަނގުރާމަކުރަމުން އައި ހަތަރު ހަނގުރާމަވެރިންނާ ކުރިމަތިވާ ކަންކަމެވެ.

މި ފިލްމުގައި ފެނިގެންދާ ތަރީންނަކީ ޗާލީޒް ތެރޮން، ކީކީ ލެއިން، މެތަޔަސް ޝެއޮނާޒް، މާވަން ކެންޒާރީ، ލޫކާ މެރިނޭލީ، ހެރީ މެލިންގ އެވެ.

މި ފިލްމުގައި ޗާލީޒް ތެރޮން ފެނިގެންދަނީ އެންމެ ދުވަސްވީ އިމޯޓަލް އަދި މި ގްރޫޕްގެ ލީޑަރުގެ ގޮތުގައި އެވެ. ޗާލީޒްގެ ކޮމާންޑަށް ދެންތިބި އިމޯޓަލްސް ހަނގުރާމަކޮށް އެކިއެކި މަސައްކަތް ކުރާތަން ފިލްމުގައި ފެނިގެންދެއެވެ.