ބޮލީވުޑުގެ ބަތަލާ ކަރީނާ ކަޕޫރު ޚާންގެ މީސް މީޑިއާގެ އެކައުންޓްގައި ފިރިމީހާ ސައިފް އަލީ ޚާންގެ ފިލްމެއް ޕްރޮމޯޓް ކުރަން ފަށައިފިއެވެ.

ބޮލީވުޑުގެ ބަތަލާ ކަރީނާ ކަޕޫރު ޚާންގެ މީސް މީޑިޔާ އެކައުންޓް ހާއްސަ ކުރެވިފައިވަނީ ފިރިމީހާގެ ސައިފް ޢަލީ ޚާންގެ ފިލުމުތައް ޕްރޮމޯޓް ކުރުމަށެވެ.

ސައިފް ޢަލީ ޚާންގެ ކުރިއަށް އޮތް ފިލުމު ''ބޫތު ޕޮލިސް'' ގެ ޝޫޓިން ފެށުމުންނާއި ފިލުމުގެ ޝޫޓިންގެ މެދުތެރެއިން އަދި މިހާރު ފިލުމު ނިމި އަޅުވަން ތައްޔާރުވުމުން ވެސް ފިލުމުގެ ޕޯސްޓާރ އިންސްޓަގުރާމުގައި ހިއްސާކޮށް ކަރީނާ ވަނީ ފިރިމީހާގެ ފިލުމު މީސް މީޑިއާގައި ޕްރޮމޯޓް ކުރުމަށް އެހީތެރިވެދީފައެވެ.

ބޫތު ޕޮލިސްގައި ސައިފް ޢަލީ ޚާންގެ ފުރަތަމަ ފެނިލުމުގެ ފޮޓޯ ހިއްސާކޮށް ކަރީނާ ބުނެފައިވަނީ ބިރުނުގަތުމަށާއި ''ސައިފް'' އިހްސާސް ކޮށްލުމަށެވެ. އަދި ވަރަށް އަވަހަށް ޑިސްނޭ ޕްލަސްއާއި ހޮޓްސްޓަރގައި މި ފިލުމު އަޅުވާނެ ކަމަށް ބުނެފައިވެއެވެ.

ސެޕްޓެމްބަރު 10 ގައި ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލުމު ވެސް އޯޓީޓީ ޕްލެޓްފޯމުގައި އެޅުވުމަށް ވަނީ ނިންމައިފައެވެ.

ހެއްވާ، މަޖާ އަދި ބިރުވެރި މި ފިލުމުގައި ސައިފް ޢަލީ ޚާންގެ އިތުރުން ފެނިގެންދާނީ އަރުޖުން ކަޕޫރާއި ޖެކުއަލިން ފެނާންޑަޒްއާއި ޔައްމި ގޯތަމްއެވެ.

ކަރީނާ ކަޕޫރު ޚާނަކީ ވަރަށް ފަހުން މީސް މީޑިޔާ ބޭނުން ކުރަން ފަށާފައިވާ ފަންނާނެކެވެ. ނަމަވެސް އިންސްޓަގުރާމު ބޭނުން ކުރަން ފެށުމަށް ފަހު ކަރީނާ ވަނީ މީސް މީޑިޔާ މެދުވެރިކޮށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި މަސައްކަތްތަކުގެ އިތުރުން ފިރިމީހާ ސައިފް ޢަލީ ޚާންގެ އެކި ފިލުމުތައް ޕްރޮމޯޓް ކުރުމަށް އެހީތެރިވަމުންނެވެ.

ކަރީނާ އާއި ސައިފް ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ދެވަނަ ދަރިފުޅަށް މަރުޙަބާ ކިޔައިފައެެވެ.