ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ އުހުގައި މިހާރު ފާހަގަ ކޮށްލެވޭ ތަރިންގެ ތެރެއިން އަހްމަދް އަޒްމީލް (އަޒޭ) އަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ތަރިއެކެވެ. މިހާރު ނޭޝަނަލް ސެންޓާރ ފޯދި އާޓްސް (އެންސީއޭ)ގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރަމުންދިޔަ ކަމުގައި ވިޔަސް ފިލްމީ ދާއިރާއާއި ދުރަށް ނުދެއެވެ.

ދާއިރާގެ އުހުގައި ގުނާލެވޭ ފަންނާނުންގެ ތެރޭގައި ހިމެނޭނީ މަސައްކަތްތަކެއްކޮށް، ކާމިޔާބު ހޯދައިގެންނެވެ. އެގޮތުން އަޒޯނާ ޓޯކްޝޯގައި ބައިވެރިވެ އަޒޭ ވަނީ ދާއިރާގައި މަސައްކަތް ކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ކޮށްފައިވާ ކަންތައް ކުރުކޮށް ފޮނިކޮށް ބެލުންތެރިންނަށް ހާމަކޮޮށްފައެވެ.

އަޒޭ ބުނީ އެއިރު ދާއިރާގައި މަސައްކަތް ކުރި ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުން އަދި އެކްޓްރެސް އާއި އެކްޓަރުންގެ ތެރެއިން އަޒޭގެ ފޮޓޯ ނަގައި ޕޯޓްފޯލިއޯ ހަދާފައި ނުފޮނުވާ މީހެއް މަދުވާނެ ކަމަށެވެ. އޭގެ އިތުރުން ޖާގައެއް ލިބޭތޯ ބަލަން ނުގުޅާ މީހެއްވެސް މަދުވާނެ ކަމަށް ބުންޏެވެ.

އަދި އޭނާ ފޮނުވާ ފޮޓޯ ބައެއް ސްޓޫޑިއޯތަކުގެ ނޯޓިސްބޯޑުގައި ހަރުކޮށްފައި ހުންނަ ކަމަށް އަޒޭ ބުންޏެވެ. އަދި އެ މަންޒަރު ފެނުމުން އެއިރު ގެއަށް އަންނަނީ ނިކަން އުފަލުންކަން އޭނާ ފާހަގަކުރިއެވެ.

"މިހާރު އެކަމަކު ހިތައް އަރައި އެއީ ކޮންމެހެން ލައިކް ވެގެނެއް ނޫނޭ، ކޮންމެސް ކަހަލަ ޖޯކެއް ޖަހަން ބައިންދާފަ އިންނަނީއޭ" އެކަމާއި ދޭތެރޭގައި މިހާރު ދެކޭ ގޮތް ކިޔައިދެމުން އަޒޭ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އަޒޭ ބުނީ އޭރު ކަންތައް ވެފައިވާ ގޮތުން އެކަމާ ލަދު ނުގަންނަ ކަމަށެވެ.

"އައި އެމް ނޮޓް އެޝޭމްޑް އޮފް އިޓް. ވަރަށް ހަމަ އުފާވޭ ފިލްމީ ދާއިރާގައި ކޮންމެސް ކަމެއް ކުރި މީހެއްގެ ގޮތުގައި އަޒޭގެ ނަން ކިޔާނެތީ. އަޒޭ ގަބޫލުކުރަނީ ކޮންމެސް ވަރަކަށް ކޮންޓްރިބިއުޓް ކޮށްދިންކަން މީހުން ފަހުން ގަބޫލުކުރާނެކަމަށް"

ފިލްމީ ދާއިރާއިން ފުރުސަތު ހޯދުމަށް އެތައް މަސައްކަތެއް އަޒޭ ކޮށްފައިވާއިރު، އަމިއްލަ ސިފައަށް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރިއެވެ. އަޒޭ ބުނީ އެކަން އެގޮތަށް ކޮށްފައިވަނީ އެހެން ހުރެގެން ދާއިރާގައި ކުރިޔަށް ދެވެން ނެތްކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިޒާއި ބޭ ގެ ޖައްލަ

    ވަރަށް ހިތްވަރު ގަަދަ ސްޓާރެއް

    1
    2