އުމުރުން ދެ އަހަރުގެ ގިނަ ކުދިންނަކީ ކިރިޔާ ހިނގޭ އަދި ކިރިޔާ ވާހަކަދައްކަން ފަށާ އުމުރުގެ ކުދިންނެވެ. މި ކުދިންނަކީ އެކުދިންގެ ވަށައިގެންވާ ކަންތައްތަކާއި އަޅާލުމެއް ނެތް އެކުދިންގެ އަމިއްލަ ދުނިޔެއެއްގައި އުޅެމުންދާ ކުދިންނެވެ.

ނަމަވެސް އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ރެއިލްވޭ ސްޓޭޝަނަކަށް މަންމަ އާއި ހަމަހުގެ ކޮއްކޮ ހޭނެތިގެން ވެއްޓުމުން ދެ އަހަރުގެ ތުއްތު ދަރިފުޅު އެހީތެރިކަމެއް ހޯދުމަށް ދެން ޖެހިގެން ހުރި ރެއިލްވޭ ސްޓޭޝަނަށް ހިނގާފައި ގޮސް އެތަނުގައި ތިބި ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދިފައިވެއެވެ.

މި ދެ އަހަރުގެ ކުއްޖާ ރެއިލްވޭ ސްޓޭޝަނަށް ގޮސް އެ ކުއްޖާގެ ބަހުރުވައިން އިޝާރާތް ކޮށްފައި ކޮންމެވެސް އެއްޗެއް ކިޔާތީ، އެތަނުގައި ތިބި މީހުންނަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ހީކުރިއެވެ.

އަދި އެ ދެ އަހަރުގެ ކުއްޖާ އެތަނުން އަންހެން ފުލުސް އޮފިސަރެއްގެ އަތުގައި ހިފައިގެން މަންމަ އާއި ކޮއްކޮ ވެއްޓިފައި އޮތް ރެއިލްވޭ ސްޓޭޝަނަށް ދިޔައެވެ.

ވަގުތުން އެ ދެމައިން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި މިހާރު ވެސް ދަނީ މި ދެމައިންނަށް ފަރުވާދެމުންނެވެ. ހަމަހުގެ ތުއްތު ކުއްޖާ ހޭއެރި ނަމަވެސް އުމުރުން 30 އަހަރުގެ އަންހެން މީހާ، އެކުދިންގެ މަންމަ އަދި ވެސް ހެޔެއް ނާރައެވެ.

މިކުދިންނަކީ ކޮން ބައެއް ކަމާއި އެ އަންހެން މީހާއަކީ ކާކުކަން އަދި ވެސް ނޭނގޭ ކަމަށާއި އެނގޭނީ އަންހެން މީހާ ހޭ އެރުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާ ދެއްކި ހިތްވަރާއި ނަމޫނާއަށް ޑޮކްޓަރުންނާއި ފުލުހުން ވެސް ހިތްވަރުދީ އެކުއްޖާއަށް ސާބަސް ދީފައިވެއެވެ.