ސެމްސަންގް އިން އުފައްދާފައިވާ ގެލެކްސީ ޒެޑް ފްލިޕް 3 އަންނަ އޮގަސްޓު މަހުގައި ނެރޭއިރު މި ފޯނުގެ ފީޗާސްތައް ފާއިތުވި ދުވަސްތަކުގައި ލީކުވެ ގިނަ ބަޔަކަށް މި ފޯނު ވަނީ ކަމުގޮސްފައެވެ. ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާގޮތުގައި ސެމްސަންގެ މި ފޯނުގެ އަގު މަތި ނުވާނެއެވެ.

ޓެކްގެ ފަހުގެ ހަބަރުތައް ގެނެސްދޭ ފްރޮންޓް ޓްރޮން އިން ލަފާކުރާގޮތުގައި ގެލެކްސީ ޒެޑް ފްލިޕް 3 ވިއްކާނީ 1،249 ޑޮލަރު(19،259 ރުފިޔާ) އަށެވެ. މި އަގުގައި ވިއްކާ ފޯނުގައި 8 ޖީބީ ރެމް އަކާއި 256 ޖީބީ ސްޓޯރޭޖް ހުންނާނެއެވެ.

ގެލެކްސީ ޒެޑް ފްލިޕް 3 ވިއްކާނެ ކަމަށް ފްރޮންޓް ޓްރޮން އިން ލަފާކުރާ އަގަކީ އޮރިޖިނަލް ގެލެކްސީ ޒެޑް ފްލިޕް އަށްވުރެ 100 ޑޮލަރު ކުޑަ އަގެކެވެ. ގެލެކްސީ ޒެޑް ފްލިޕް ގެ އަގަކީ 1،349 ޑޮލަރެވެ. އެއީ 20،801 ރުފިޔާއެވެ.

ސެމްސަންގް އިން މި އަހަރުގެ އޮގަސްޓް މަހު ނެރޭ ފޯނުތަކުގެ ހަތަރު ކުލައެއް ލިބޭނެއެވެ. އެއީ ބެއިގް/ވައިޓް، ބްލެކް، އޮލިވް ގްރީން އަދި ޕާޕަލް ކުލައެވެ.

އަގުހެޔޮކޮށް މިފަހަރު ސެމްސަންގެ މޮޅު ފޯނެއް ބާޒާރަށް ނެރޭނެ ކަމަށް ބެލެވޭއިރު މި ފޯނުގައި 1.9 އިންޗީގެ ފަށްޖެހޭ ސުޕަރ އެމޮލެޑް ކަވާ ޑިސްޕްލެއިއެއް އަދި 6.7 އިންޗީގެ ފަށްޖެހޭ ޑިސްޕްލެއިއެއް ހުންނާނެ އެވެ. މި ފޯނު ނެރޭނީ އަވަސް ސްނެޕްޑްރެގަން 888 ޕްރޮސެސާއަކާއި އެކު 5ޖީ ލިބޭ ގޮތަށެވެ.