ފެނުގެ ދަތިކަމުގެ މައްސަލައަކީ މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ހައްލު ކުރަން އުނދަގޫ މައްސަލައެކެވެ. އަދިވެސް، ގިނަ ހިސާބުތަކުގައި ވާރޭ ފެނާއި ވަޅު ފެނަށް ބަރޯސާވެގެން އުޅޭއިރު، މި ތަކެއްޗަކީ ހޫނު މޫސުމުގައި މަދުވާ އެއްޗެއްސެވެ. ރާއްޖެއަށް ބަލާކަމުގައިވާނަމަ، ވަޅު ފެނަކީ ބޯން އެހާ މީރު ފެނެއް ނޫނެވެ.

އެހެންނަމަވެސް، އާއްމުކޮށް ފެންނަ ބާވަތެއްގެ ގަސް ބޭނުންކޮށްގެން، މި މައްސަލައަށް އެދެވޭ ހައްލެއް ގެނެވިދާނެކަމަށް ސައިންސްވެރިން މި ވަނީ ބުނެފައެވެ. އެއީ، ރާއްޖެއާއި މި ސަރަޙައްދުގެ ޤައުމުތަކުގައި ހެދޭ މުރަނގަ ފަތް ގަހެވެ.

ސައިންސްވެރިން ބުނާގޮތުގައި މި ގަހުން، މި މައްސަލައަށް ހައްލެއް ގެނެސްދެނީ، މި ގަހުގެ ތޮޅީގެ އޮށަކީ، ފެން ސާފުކުރުމަށް ނުވަތަ ވޯޓަރ ޕިއުރިފިކޭޝަން އަށް އެހީވެދޭ އެއްޗެއްކަމަށް ވާތީއެވެ. އެފަރާތްތަކުން މިކަމަށް ދީފައިވާ ނަމަކީ، "ރުޑިމެންޓަރީ ވޯޓަރ ޕިއުރިފިކޭޝަން" އެވެ.

އެފަރާތްތަކުން ބުނާގޮތުގައި، މިކަމަށް ޖެހެނީ އެގަހުގެ ތޮޅީގެ އޮށުން ނަގާ މާއްދާތަކެއް އެހެން މާއްދާތަކަކާ އެއްކުރާށެވެ. މިއީ އުނދަގޫ ކަމެއްކަމުގައިވިޔަސް، މިއީ ކުރެވޭނެ ކަމެއްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ހަމައެހެންމެ، މިއީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކަމެއްގެ ގޮތުގައިވެސް އެފަރާތްތަކުން ދެކެއެވެ.

އެހެންކަމުން، މިއީ އިންޑިޔާ ފަދަ، ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވާ ސަރަޙައްދުތަކަށް ވަރަށް އެކަށޭނެ ކަމެއްގެ ގޮތުގައިވެސް، އެފަރާތްތަކުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު