ޖަޕާނަށް މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރާގައި 80 ވަރަކަށް ގެ ސުންނާފަތި ވެގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

ޖަޕާނުގެ ޓޯކިޔޯއާއި 100 ކިލޯ މީޓަރު ދުރުގައި އޮންނަ އަޓަމީއަށް ކުރި މި ވިއްސާރާގައި ފެންބޮޑުވެ ޗަކަ ފެނާއި އެކީ ގިނަ އަދަދެއްގެ ގެތަށް ވަނީ ސުންނާފަތިވެގެން ގޮސްފައެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެން ދަނީ ޗަކަ ފެން ތިރިއަށް ފައިބައިގެން އަންނަ ވަގުތު އެސަރަހައްދުގައި ތިބި ގެތައް ވެސް ސުންނާފަތުވެގެންދާ މަންޒަރެވެ.

ރޮއެޓާސް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ވިއްސާރާގައި 130 ވަރަކަށް ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅަށް ހަދާފައިވާ ގެތައް ވެސް ހިމެނެއެވެ. މި ގެތައް ސުންނާފަތި ވެގެން ގޮސްފައިވަނީ އުސް ތަނެއްގައި އިމާރާތް ކޮށްފައި ތިބުމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި މަންޒަރު ފެނުނު މީހަކު ބުނެފައިވަނީ އެންމެ ފުރަތަމަ ވެސް އިވުނީ ބާރު އަޑެއް ކަމަށާއި އޭގެ ފަހުން ޗަކަ ފެން ފަރުބަދަ މަތިން ފައިބައިގެން އަންނާތީ އެންމެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދު ދޫކޮށް ދިޔަ ކަމަށެވެ.

މި ހާދިސާގައި ގިނަ ގެތައް ސުންނާފަތި ވެފައިވާއިރު، ކަމާއި ބެހޭ އިދާރާތަކުން ބުނީ، ގެތަކުގެ ދަށުވެފައި މީހުން ތިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް އާއްމު ކޮށްފައެއް ނުވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާގައި 20 މީހަކު ވަނީ މިހާތަނަށް ގެއްލިފައެެވެ.