ފިލްމީ ތަރި ސްކާލެޓް ހާންސަން އިނީ ދެވަނަ ކުއްޖަކަށް ބަލިވެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އުމުރުން 36 އަހަރުގެ ސްކާލެޓް އާއި އޭނާގެ ފިރިމީހާ ކޮލިން ޖޮސްޓް މިހާރު ތިބީ ކުއްޖާ ދުނިޔެއަށް އުފަންވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ސްކާލެޓްގެ މިހާރު ވެސް ހަ އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ. ރޯޒް ޑޮރޯތީ ޑައުރިއެކް ނަމަކަށް ކިޔާ މި ކުއްޖާ އަކީ ސްކާލެޓް 2014 އިން 2017 އަށް ކައިވެނިކޮށްގެން ހުރި ފްރާންސްގެ ނޫސްވެރިއެއް ކަމަށްވާ ރޮމެއިން ޑައުރިއެކް އާ ދެމީހުންނަށް ލިބުނު ކުއްޖެކެވެ.

ބޭރުގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި ސްކާލެޓް ބަލިވެއިން މި ދުވަސްކޮޅުގައި އޭނާ އުޅެނީ މީޑިޔާއާ ވަރަށް ދުރުގައެވެ. އޭނާ ވަނީ މާވެލްގެ ބައެއް ހަފްލާތަކަށްވެސް ނުގޮސް ގޭގައި މަޑުކޮށްފައެވެ.

ޖޮސްޓް އާއި ސްކާލެޓް ލޯބީގެ ގޮތުން ގުޅިފައި ވަނީ 2019 ވަނަ އަހަރުއެވެ. ޖޮސްޓް ވަނީ ސްކާލެޓް އަށް ލޯބި ހުށަހެޅިއިރު 11 ކެރޮޓްގެ ލައިޓް ބްރައުން ޖަވާހިރު އަނގޮޓިއެއްވެސް ދީފައެވެ.

ސްކާލެޓް އާއި ޖޮސްޓް ކައިވެނިކުރި އިރު މިއީ ޖޮސްޓްގެ ފުރަތަމަ ކައިވެންޏެވެ. ނަމަވެސް ސްކާލެޓް ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައެވެ. އެއީ ހޮލީވުޑްގެ ފިލްމީތަރި ރަޔާން ރޭނޮލްޑްސް އާއި 2008 އިން 2011 އަށް ކުރި ކައިވެންޏާއި ފްރާންސްގެ ނޫސްވެރިޔާ އާ ކުރި ކައިވެންޏެވެ.

ސްކާލެޓް އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ މާވެލްގެ ސުޕަހީރޯ ފިލްމް ބްލެކް ވިޑޯއެވެ. އޭނާ އަކީ އެ ފިލްމުގެ ޕްރޮޑަކްޝަނުގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު