ބޮލީވުޑްގެ ބިގްބީގެ ނަމުން މަޝްހޫރު އަމީތާބް ބައްޗަން އަކީ މިޒާޖުގައި އަބުއި ހަރު މީހެކެވެ. އޭނާ އަކީ ބަސް މަދު ވަކި ހުދޫދެއްގެ ތެރޭގައި މެނުވީ ސަމާސާ ނުކުރާ މީހެކެވެ. އެހެންކަމުން އެންމެން ވެސް އޭނާ އާއި މުހާތަބު ކުރަނީ ވަކި އިންތަކެއް ބަހައްޓައިގެން ވަކި ހަމަތަކަކާއި އެކުގައެވެ. އެހެންނަމަވެސް ޒުވާން ބަތަލާ ތާޕްސީ ޕައްނޫ އަމީތާބު އާއި ވާހަކަދައްކާ އިރު ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް އަމީތާބުގެ ދަރިފުޅު އަދި ބަތަލް އަބީޝޭކް ބައްޗަން ވަނީ ބުނެފައެވެ.

އޭނާ ބުނީ އަމީތާބް އާއި ތާޕްސީގެ ގުޅުން ފެނި އޭނާ އަށް ހާޓްއެޓޭކެއް ނުޖެހި ހުންނަނީ ހަމަކިރިޔާ ކަމަށެވެ. ޕިންކް އާއި ބަދްލާ ފަދަ ފިލްމްތަކުގައި އަމީތާބް އާއި އެކު މަސައްކަތް ކުރި ތާޕްސީ ވަނީ މަންމަރްޒިޔާގައި އަބީޝޭކް އާއި އެކު މަސައްކަތްކޮށްފައެވެ.

އަބީޝޭކް ބުނީ ތާބްސީ އަކީ ވަރަށް ފަސޭހައިން ރަހުމަތްތެރިން ހޯދާ މީހެއް ކަމަށާ އޭނާ އަމީތާބް އާއި އެކު ސަކަރާތްޖަހާ ގާތްކޮށް އުޅޭ ވަރަށް މި ޖީލުގެ އެއްވެސް ފަންނާނަކަށް އަމީތާބު އާއި ސަމާސާކުރަން ނުކެރޭނެ ކަމަށެވެ. އަދި ބައެއް ފަހަރު ތާޕްސީ ބުނާ ވާހަކަތަކުން ސަމާސާ ވިހަވެދާނެ ކަމާއި މެދު ބިރު ހީވާ ފަހަރުވެސް އަންނަ ކަމަށް އަބީޝޭކް ވަނީ ބުނެފައެވެ.

އަދި ބައެއް ފަހަރު ތާޕްސީ އަނގަތަޅާ ވަރުން އޭނާ އަކީ މުސްކުޅި އެކޭ އެއްފަދަ ކަމަށް ވެސް އަބީޝޭކް ވަނީ ބުނެފައެވެ. އަދި އޭނާ އާއި އުމުރުން ދުވަސްވީ މީހުންނާއި އެހާ ގުޅޭ ސަބަބަކީ އެއީ ކަމަށް ވެދާނެ ކަމަށް ވެސް އަބީޝޭކް ބުނެއެވެ.