ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ދީޕިކާ ޕާޑުކޯން އެކޭ އެއްފަދައިން ބޮލީވުޑުގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރި އާލިއާ ބަޓް ހޮލީވުޑްގެ ފިލްމުތައް ކުޅުމަށް މިސްރާބު ޖަހައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިންޓަނޭޝަނަލް ޓެލެންޓް މެނޭޖުމަންޓް އެޖެންސީއެއް ކަމުގައިވާ ވިލިއަމް މޮރިސް އެޖެންސީ (ޑަބްލިޔުއެމްއީ) ގައި އާލިއާ ބަޓް ވަނީ ސޮއިކޮށްފައެވެ.

މި އެޖެންސީއަކީ ކުޅިވަރާއި، މީޑިއާއާއި، ފެޝަނާއި ތަފާތު ހަފުލާތައް ބޭއްވުމުގައި އެންމެ ފާހަގަ ކޮށްލެވޭ އަދި އެ ރޮނގުގައި އެންމެ ދުވަސްވީ އެޖެންސީއެވެ.

އާލިއާ ބަޓްގެ އިތުރުން ''ރައިސް އޮފް ދަ ޕްލެނެޓްސް އޮފް ދަ އެޕްސް'' އާއި ''އިމްމޯޓަލްސް'' ގެ އެކްޓަރ ފުރެއިޑާ ޕިންޓޯ ވެސް ވަނީ މި އެޖެންސީގައި ސޮއި ކޮށްފައެވެ.

މި އެޖެންސީގައި ސޮއިކޮށް އާލިއާ ދަނީ ހޮލީވުޑުން ރަނގަޅު ފުރުސަތަކަށް އިންތިޒާރު ކުރަމުންނެވެ.

''ގަލީ ބޯއީ'' ގެ ބަތަލާ އާލިއާ ބަޓް ވަނީ އޭނާގެ ގިނަ ފިލުމު ތަކަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ ތައުރީފު ހައްގު އެކްޓިންއެއް ދައްކާލާފައެވެ.

ހަތަރު ފަހަރަށް ފިލުމު ފެއާ އެވޯޑު ހާސިލު ކޮށްފައިވާ އާލިއާ ބަޓްއަށް ވަނީ ''ގަލީ ބޯއީ'' އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ.

މިހާރު ވެސް އާލިއާ ދަނީ އެތައް ޕްރޮޖެކްޓްތަކެއް ފެށުމަށް ތައްޔާރުވަމުންނެެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ ''ގަންގުބައި ކަތިއަވަޑި'' އާއި އަޔާން މުކަރުޖީގެ ''ބްރަހްމަސްތުރާ'' ފަދަ ފިލުމުތައް ހިމެނެއެވެ.

އާލިއާ ވަނީ ދާދި ފަހުން އޭނާގެ އަމިއްލަ 'ޕްރޮޑަކްޝަން ހައުސްއެއް ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު